އިންޑިއާގައި މުސްލިމުންނާއި ބައިމަދު އެހެން ނަސްލުތަކުގެ މީހުންނާ މެދު ތަފާތު ކުރުން ގެންގުޅޭ މައްސަލަތައް ނޫސްވެރިއަކު ކުރި ސުވާލަށް މޯދީ ވިދާޅުވީ، އެކަންކަން ރަނގަޅު ކުރަން ޖެހޭ ތަނެއް ނެތް ކަމަށާއި އިންޑިއާ އަކީ ފުރިހަމަ ޑިމޮކްރަސީއެއް ކަމަށެވެ.

އިތުރަށް ތަސްފީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ، ނަސްލެއް، މިއްލަތެއް، ދީނެއް އަދި ޖިންސީ ތަފާތު ކުރުމެއް އިންޑިއާގައި ނޯންނާނެ ކަމަށާއި އިންޑިއާގެ ގާނޫނުތަކާއި ސަރުކާރުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓާކަން ސާބިތު ކޮށްދީފައި ވާ ކަމަށެވެ.

"ޑިމޮކްރަސީ އަކީ އަހަރެމެންރެ ރޫހު، ނާރުތަކުގައިވެސް ދައުރުކުރަނީ ޑިމޮކްރަސީ، ދިރިއޮތީވެސް ޑިމޮކްރަސީ، އަހަރެމެންގެ ކާބަފައިން ވެސް މި ވިސްނުމުގެ މައްޗަށް ސިފަތަކެއް [ބަސްތަަކެއް] ގެނެސްދިނީ"
މޯދީ

މޯދީ އާ ސުވާލުތައް ކުރިމަތިވީ، މިހާރު އެމެރިކާއަށް ވަޑައިގެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރެއްވި އިރު ބައެއް މެންބަރުން އެ މައުޟޫގައި މޯދީއާ ކުރިމަތިލެއްވުމުންނެވެ.

ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި އިރު، މުސްލިމުންނާ ދެކޮޅަށް ހިނގި ލޭއޮހޮރުވުމެގެ މައްސަލައިގައި މޯދީ އަށް އެމެރިކާއަށް އެރުންވެސް މަނާ ކުރިއެވެ. މިހާރު 72 އަހަރު ވެފައިވާ މޯދީ ވެރިކަމުގައި 9 އަހަރު ގުނަމުން ދާ އިރު މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބަހާތިޔާ ޖަނަތަ ޕާޓީން ވަނީ މުސްލިމްނަށް ފުރުސަތުތައް ހަނިވާނެ ބައެއް ގާނޫނުތައް ފާސްކުރުމުގެ އިތުރުން، ފުރުސަތުރައް ހަނިވާގޮތަށް ބައެއް ސިޔާސަތުތައްވެސް އެކުލަވާލާފައެވެ. އޭގެ ތެރޭގައި ރައްވެހިކަން ދިނުމާ ބެހޭ ގާނޫނު ހިމެނެއެވެ. އެއާއެކު މުސްލިމް މެޖޯރިޓީ އޮންނަ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރަށް އޮތް ހާއްސަ ސިފަތައްވެސް ވަނީ 2019 ވަނަ އަހަރު ނިމުމަކަށް ގެނެސްފައެވެ. އެ ގާނޫނުގެ ދަށުން މުސްލިމުންނަށް ވަޒަންވެރިކަން ހަނިކޮށްފައި އޮތުމުން އދ އިން ވެސް ވަނީ އެއީ ތަފާތު ކުރުން ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ބުރުގާ އަޅައިގެން ބައެއް ސްކޫލު މަދަރުސާތަކަށް ވަނުމަށް ހުރަސް އެޅުމުގެ ހާދިސާތަކެއްވެސް ދާދިފަހުން އިންޑިއާގައި ހިނގާފައި ވެއެވެ. އަދި ހިޔާފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ވެސް އިންޑިއާ ވަނީ 140 އިން 161 އަށް ވެއްޓިފައެވެ.