ރިޔާސީ އިންތިހާބުގެ ވޯޓުލާމީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި، 551 ޝަކުވާ ލިބިފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

551 ޝަކުވާ ވޯޓާސް ލިސްޓަށް ލިބިފައިވާކަން ފާހަގަކޮށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ކުރިއަށްއޮތް 5 ދުވަހުގެ ތެރޭގައި މި ޝަކުވާތަކަށް އީސީ އިން ޖަވާބު ދޭނެ ކަމަށެވެ. އަދި އީސީ އިންދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެފަރާތަކަށް ލިބިގެންވާ ކަމަށެވެ.

ހަބީބް އިތުރަށް ވިދާޅުވީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ދާއިމީ ލިސްޓުގައި ނަން ނެތް މީހަކަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

ވޯޓާސް ލިސްޓްއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މަރުވެފައިވާ 465 މީހުން ލިސްޓުގައި ހިމަނާފައިވުމާއި 58 މީހަކު އެޑްރެސް ބަދަލުކުރުމަށް އަދި 19 މީހަކު ލިސްޓުގައި ނަން ނެތިގެން ޝަކުވާ ހުށަހަޅާފައިވެއެވެ. މީގެ އިތުރަށް ނަމަށް ބަދަލު ގެނައުމަށް 5 މީހަކު ހުށަހަޅާފައިވާއިރު ދާއިރާ ބަދަލު ކުރުމަށް 3 މީހަކު އަދި އައިޑީ ބަދަލުކުރުމަށް އެދި އެކަކު ވަނީ ހުށަހަޅާފައެވެ.