ދައުރު އިތުރުކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ އިން މަޖިލީހުގެ ދައުރު އިތުރު ކުރުމަށް އެދިފައި ވަނިކޮށް މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެކަމަށް ތާއީދު ކުރައްވާ ދެއްކެވި ވާހަަކައާ ގުޅިގެންނެވެ.

މަޖިލީހަށް ހުށައަޅާފައި ހުރި މައްސަލަތަކަށް ގޮތެއް ހޯދައިދޭން ޝިފާއު ތަކުރާރުކޮށް ރައީސްއާއި މެންބަރުންނަށް އެދިވަޑައިގެން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަތަކަށް ގޮތެއް ނިންމައި ދޭން ޖެހޭ ކަމަށާއި އޭގެ އިތުރުން ނިންމަން ޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

ރިޔާސީ އިންތިހާބާ ދިމާލަށް ދާއިރު އިލެކްޝަން ކޮމިޝަންގެ މެންބަރެއްގެ މުއްދަތު ހަމަވާތީ އިތުރު މެންބަރަކު އައްޔަން ކުރަން މަޖިލީހަށް މައްސަލައެއް ފޮނުވާފައިވާ ކަން ފާހަގަ ކުރައްވާ ޝިފާއު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މަޖިލީހުން މިއަދު ވޯޓަކަށް އަހައިގެން ނަމަވެސް ދައުރު ދަންމައިގެން މި ކަންކަން ނުނިންމާ މަޖިލިސް ޗުއްޓީއަށް ދާން އެމްޑީޕީ ޕީޖީއިން ނޭނދޭ ކަމަށެވެ.

ޝިފާއު ވިދާޅުވީ އީދު ބަންދުގައި ވެސް އަދި މިއަދު މެންދުރުފަހުވެސް ޖަލްސާވެސް ބާއްވާ މުހިއްމު މަސައްކަތްތައް ނިންމައި ދޭން ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް 241 ކޮމިޓީ ބޭނުން ނުކުރާ ގޮތަށް އޮވެ މަޖިލިސް ބޮޑު ޗުއްޓީއަކަށް ދިޔަ ނުދޭން އެމްޑީޕީ ޕީޖީއިން އާދޭހާއެކު ބުނަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދައުރު އިތުރުކުރުމަށް ކުރިއާލާ ގަރާރެއް ހުށަހަޅުއްވައިގެން ބަހުސް ކުރެވުނު ކަމަށާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ދައުރެއް އިތުރުކުރެވިފާ ނުވާ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 7 ފަހަރު ދައުރު އިތުރުކުރެވިފައި ވީ އިރުވެސް އިތުރުކުރެވިފައި އޮތީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ދައުރު އިތުރުވާނީ ރިޔާސަތުން ހުށަހަޅުއްވައިގެން ކަމަށާއި އެކަން ހުރިހާ މެންބަރުންވެސް ބަލައިގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.