މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި އޮނިގަނޑުތަކަށް ދެން ބަދަލު ގެނެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށް ފާސްކޮށް، ކައުންސިލްގެ ހިންގާ ގަވައިދު މިއަދު އިސްލާހު ކޮށްފިއެވެ.

މި ހަފްތާގެ ޖަލްސާގައި ކައުންސިލުން އެ ގޮތަށް ފާސްކުރީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަމިއްލަ އަށް ހުށަހަޅުއްވައި، ކައުންސިލްގެ އިއްތިފާގުންނެވެ. އެހެންކަމުން، މޭޔަރަށް ލިބިފައިވާ ބޮޑެތި ބާރުތައް މުއިއްޒު ވަނީ އަމިއްލަ އަށް ދޫކުރައްވާފައެވެ.

ކައުންސިލްގެ ގަވައިދުގައި ކުރިން އޮތް ގޮތުން ނަމަ، މެންބަރުންގެ މަޝްވަރާ އެއް ނެތި ކަންކަން ނިންމުމުގެ ބާރު މޭޔަރަށް ލިބިގެން ވެއެވެ. ނަމަވެސް މުއިއްޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން ނަގަން ޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން ނަގަން ބޭނުންވާ ސަބަބާއި އަދަދު، އަދި އެ މުވައްޒަފުން ނަގާ ސެކްޝަން ކަނޑައެޅުމަށްޓަކައި ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރަން ވާނެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެގޮތަށް އިސްލާހު ހުށަހެޅުއްވީ އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާކުރުމާ ގުޅޭ ކަންކަމަށް އަމަލުކުރުން ރަސްމީކުރުމަށްޓަކައި ކަމަށެވެ. މިހާރު ވެސް ބައެއް ކަންކަމުގައި ކައުންސިލުން އެ އުސޫލުން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، ދެ ކަމެއް މުއިއްޒު ފާހަގަކުރެއްވިއެވެ. އެއީ:

  • މަގު ފާރަވެރިން ނުވަތަ ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމާއި ކަނޑައެޅުމަށް
  • ކައުންސިލަށް ސުޕަވައިޒަރުން އިތުރުކުރުމަށް

މީގެ އިތުރުން ވެސް މިއަދުގެ ޖަލްސާގައި ކައުންސިލްގެ ގަވައިދަށް ގެނައި އިސްލާހުތަކަކީ:

  • މާލޭގެ އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި މަގުތަކަށް ބަދަލު ގެނައުމަށް، ނުވަތަ އެ ތަންތަން ތަރައްގީކުރުމަށް، ނުވަތަ ކުއްޔަށް ދިނުމަށް، ނުވަތަ އެ ތަންތަނުގެ ހިދުމަތުގެ ގަޑި ބަދަލުކުރަން ނިންމުން
  • ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީތަކަށް ބަދަލު ގެނައުން
  • ކައުންސިލުން އާމްދަނީ އެއް ލިބޭނެ ކަމެއް ނިންމުން
  • ކައުންސިލުން ފާސްކޮށްފައިވާ އަހަރީ ބަޖެޓަށް ނުވަތަ ބަޔަކަށް އެއްވެސް ބަދަލެއް ގެނައުން

މި ހުރިހާ އިސްލާހެއް ފާސްކުރީ، ޖަލްސާގައި ބައިވެރިވި 14 ކައުންސިލަރުންގެ އިއްތިފާގުންނެވެ.