ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މިއަދު ދިވެހިން މިދެކޭ ކެރުމާއި 'ހަޔާތްކެނޑުން' އުފަން ކޮށްދެއްވި ވެރިއަކީ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް މައުމޫނުގެ ދިގު 30 އަހަރުގައި 'މައުމޫން' ނަން ކިޔަސް ކުށްވެރިވާ ހިސާބުގައި ކަންކަން ހުރި އިރު، އެ ބިރެއްގައި މުޅި ރައްޔިތުން ކަޑައްތު ކުރި ކިތަންމެ ރެއެއް މާޒީވެ ދިޔައީ އަލިވިލެމުން އައި ފަތިހަކަށެވެ. އެއީ ރަން ރީނދޫ ކުލައިން އުދަރެސް ފަވަމުން އައި އެމްޑީޕީ އުފަންވުމުގެ ފެށުމެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ އުފަންވެގެން އައި ދުވަސް ވަރަކީ، ރަންރީނދޫ ކުލައިގެ އުދަރެހުން އާ ކުލަތައް ފާޅުވި ދުވަސްވަރެވެ. ސާފު ނުލުން ފަވާލި ޑީއާރުޕީ އާއި ލޭގެ ރަތް ކުލައިން ކުރަހާލި ޖުމްހޫރީ ޕާޓީއެވެ. އެމެދަށް ގަސްކަރައިގެ ފެހި ކުލައިން އުފަންވީ އަދާލަތު ޕާޓީއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަން ކަން ރައްޔިތުންނާ ހަމައަށް ހުޅުވިގެން އައި އެއް އަސްލަކީ ރައީސް މުހައްމަދު ނަޝީދެވެ.
ޖަލުގެ ތޭރިތަކުގައި އެކަހެރި އެތައް ދުވަހެއް ހޭދަކުރައްވައި، އަމިއްލަފުޅަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގައި ހުންނެވީ 'ހަމަ ސިޔާސީ މަސައްކަތްޕުޅު' ގައެވެ.
ކުރުކޮށް އަދި ފޮނުކޮށް ބުނާނަމަ އެއީ ރައީސް ނަޝީދުގެ ކެރިވަޑައިގަތުމުގެ ތެރެއިން މިއަދަށް ފޯރި ޑިމޮކްރަސީގެ މިނިވަންކަމެވެ. އެ މިނިވަން ކަމުގައި އިމެއްނެތި ފާޑުކިޔުމާއި ހިޔާލުފަޅުކުރުމާއި އެއްވެ އުޅުމުގެ އުފާ ހޯދަމުން ދާ އިރު މިއަދަކީ ޑިމޮކްރެޓިކް ހަޔާތުގައި އާ ސޮފްހާއެއް ހުޅުވިގެން ދިޔަ ދުވަހެކެވެ.
އެމްޑީޕީ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަޝީދު މިއަދު އެމްޑީޕީ ދޫކޮށްލައްވައިފިއެވެ. އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ކުރުކޮށް ލިޔުއްވި ސިޓީގައި ވިދާޅުވީ، "ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަނަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ދާ ގޮތަށް ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން، އަޅުގަނޑު ތިޔަ ޕާޓީ އިން ވަކިވި ވާހަކަ ދެންނެވީމެވެ. އިހުތިރާމް ގަބޫލުކުރެއްވުން އެދެން" މިހެންނެވެ.
ނަޝީދުގެ ވަކިވުމާއެކު ސިޔާސީ މަސްރަހަށް އިތުރު ހަލަބޮލިކަމެއް އަންނާނެ ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. މިއަދު ނަޝީދު ވަކިވެވަޑައިގެންނެވި ވަގުތަކީ، އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އުފަން ކުރާ 'ދަ ޑިމޮކްރެޓްސް' ޕާޓީ ރަޖިސްޓްރީ ވުމުގެ މަގުމަތީގައި އޮތް ވަގުތެކެވެ. ހިނގަމުން ދާ ސަރުކާރުގެ ކަންކަން 'ގޯސް ވެގެން' އެމްޑީޕީން ވަކިވި މަޖިލީހުގެ 13 މެންބަރަކާއި އިތުރު އެކްޓިވިސްޓުން ހިމެނޭ ޑިމޮކްރެޓްސްގެ ހަރަކާތްތައް މިހާރުވެސް މެކުހަށް ޖަހާފައި ވާ އިރު، ރައީސް ނަޝީދު އެ ޕާޓީއާ ގުޅިވަޑައިގަތުމުން މަގުމަތީގެ ސީދާ ހަރާކާތްތައް އިތުރަށް ފުޅާވެ ސަރުކާރަށް ބޮޑު ގޮންޖެހުމަށް ވާނެއެވެ.
ރައީސް ނަޝީދަކީ، އެތެރެއަށް ވުރެ ބޭރަށް [މަގުމައްޗަށް] ފަރިތަ ބޭފުޅަކަށް ވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް މިހާރުގެ ރައީސް [އެމްޑީޕީގެ އިސް ލިޑަރު] އަށް ކުރިމަތިވެވަޑައިގަންނަވާނެ ހުރަސްތައް ގިނަވާނެއެވެ. ރައީސް ނަޝީދުގެ އިތުރުން ޑިމޮކްރެޓްސް އާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ސީދާ އަމާޒު ހުރީ ރައީސް ސޯލިހަށް ކަމުން، މިހާރު 'ގޮވާ އެތިވަރަށް ވުރެ ގިނައިން، ބާރަށް' ގޮވާނެ ކަމީ ސުވާލެއް އުފައްދަން ޖެހޭ ކަމެއް ނޫނެވެ.
މިއަދު ނަޝީދު އެމްޑީޕީ ދޫކޮށްލެއްވި އިރު، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އިންނެވުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ މަޖިލީހަށް ވައްދާފައެވެ. އޭގެ ކުރިން ވައްދާފައި އޮތް މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު 2 މައްސަލަ އޮތުމުން ގާނޫނީ ހުއްޖަތްތަކެއް ދައްކައި މަޖިލީސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ޖަލްސާތައް ނުބޭއްވި 2 ދުވަސް ވެގެން ގޮސްފައި ވާ އިރު، މިއަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ މަޖިލީސް ކުރާ ގޭގެ ގޯތި ތެރޭގައި އިދިކޮޅު ޕީޕީއެމްގެ މަޖިލީސް މެންބަރުންނާ މަޝްވަރާ ތަކެއް ކުރައްވާފައެވެ. އެ މަޝްވަރާތަކުގެ ތަސްފީލުތައް އަދި ހާމަވެފައި ނުވި ނަމަވެސް، އިދިކޮޅުން މިވަގުތު މަސައްކަތް ކުރަނީ ރައީސް ނަޝީދާ ވެސް ގުޅިގެން ކަމަށް ވުމާއި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް 11 އަހަރުގެ ޖަލު ހުމެއްގައި ހުއްނެވުމުން އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު [ރައީސް ޔާމީނަށް] ކުރިމަތި ލެއްވޭނެ ކަމަށް ނުފެންނަ އިރު، ޑިމޮކްރެޓްސް އާއި އިދިކޮޅު ޕީޕީއެމް ގުޅި އިންތިހާބަށް ނިކުތުމުން ރައީސް ސޯލިހަށް 'ލައްކަ އުނދަގޫ ވާނެ' އެވެ.
މިއަދުގެ ސިޔާސީ ތާރީހު ބަދަލުވެގެން ދިޔަ އިރު، ރައީސް ނަޝީދު ވެގެން މިދިޔައީ، ކުޑައިރުއްސުރެ އެކުގައި އަދި އާއިލީ ގުޅުމުގެ ގޮށުން ގޮށް ޖެހިފައި ތިއްބެވި [ނަޝީދާއި ސޯލިހު] ދެ ހަތުރުންގެ ގޮތުގައި ވެ މައިދާނަށް ނިކުންނެވި ލީޑަރަށެވެ. އެމްޑީޕި ދޫކުރައްވައި ވަޑައިނުގަން އެ ޕާޓީގެ އެންމެން ޑިމޮކްރެޓްސް އަށް ބަދަލު ކުރައްވާން ވިދާޅުވެފައި މިއަދު ޕާޓީ ދޫކޮށްލެއްވުމުގެ ފަހަތުގައި ގިނަ މެސެޖްތައް ވާކަން ޔަގީންވެއެވެ.
ނަޝީދުގެ ވަކިވުމާ އެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާރު އިސްމާއީލް ވިދާޅުވީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި މިކަމުގެ [ނަޝީދުގެ އިސްތިއުފާ] ގެ ސަބަބުން ހުރިހާ ޕާޓީތަކަކަށް ވެސް އެ ޕާޓީއެއް އިހްތިޔާރު ކުރާ މަގުގައި ކުރިއަށް ދިއުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ. ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ ތެރެއިން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި އެމަނިކުފާނުގެ ލީޑާޝިޕްގައި ހޯއްދެވި ކާމިޔާބީއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
އަމިއްލައެދުނންބޮޑު ވެ ބޯހަމައިން ނައްޓާލައިފިި ނަމަ ކޮއްމެ މީހަކަށް ވެސް ވާނީ އެހެން