ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި މިމަހުގެ 25 އިން 29 އަށް ސަރުކާރު ބަންދު ވި ނަމަވެސް މިމަހު 26 ގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ އެމްއެމްއޭއިން ނިންމާފައިވާ ގޮތަށް އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ހިދުމަތް ލިބޭނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ ބަންދު ދުވަސްތަކުގައި އިންޓަރނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތް ހޯއްދުމަށް އެދޭ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓާތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
އެ ދުވަހު އެމްއެމްއޭއިން ވެސް އެ ގަޑިތަކުގައި ހިދުމަތްދޭން ނިންމާފައިވާއިރު އެ އޮތޯރިޓީން ބުނީ ބޭންކިންގެ ހިދުމަތް ދޭނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.ސިޓީ އާއި އެހެން ތަކެތި ބަލައިގަތުން ހެނދުނު 9 އިން މެންދުރުފަހު 2 އަށް ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަސް ނަމަވެސް މިމަހުގެ 25 އާއި 26 އަކީވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އީދު ބަންދުގައި ބޭންކުތައް ހުޅުވުން 26 ވަނަ ދުވަހަށް ކަނޑައެޅި އިރު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު އޮފީސްތަކުން، މި މަހުގެ 22 ވަނަ ދުވަހު މުސާރަ ޖަމާ ކުރުމަށް މަރުކަޒީ ބޭންކުން ވަނީ އަންގައިފައެވެ.