އިންޑިއާގެ އެންމެ ބައިބޯ ޝަހަރުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ 34 މީހަކު މަރުވެއްޖެ ކަމަށް ރިޕޮޓު ކޮށްފިއެވެ.
އޮފިޝަލުން ބުނާ ގޮތުގައި، އުއްތަރް ޕްރަދޭޝްގެ ބައްލިއާ ޑިސްޓްރިކްގައި 42 ޑިގްރިއާށް ހޫނުމިން އަރާފައި ވާ އިރު، މަރުވި މީހުންނަކީ އިތުރު ބެއްޔެއްގެ އުނދަގޫވެސް ހުރި އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. މި ހޫނުގައި އެ ޑިސްޓްރިކްޓުން ބުރާސްފަތި ދުވަހު 23 މީހުން އަދި ހުކުރު ދުވަހު 11 މީހުން މަރުވި އިރު އިތުރު ބަޔަކު ހޮސްޕިޓަލުގައި އެދްމިޓްކޮށްގެން ފަރުވަ ދެމުންވެސް އެބަދެއެވެ.
މި ހޫނާ ގުޅިގެން އުމުރުން 60 އަހަރުން މަތީގެ މީހުން ދުވާލުގެ ވަގުތުތަކުގައި ގޭގެތޭގައި ތިބުމަށް އިދާރާތަކުން އިލްތިމާސް ކޮށްފައި ވާ އިރު މަރުވި މީހުންގެ ތެރޭގައި ހާޓްއެޓޭކް ޖެހި މަރުވި މީހުންނާއި ސްޓްރޯކްގެ އިތުރުން ބޭރަސް ހިންގުން ޖެހި މަރުވި މީހުން ހިމެނެއެވެ.
މި ހޫނާ ގުޅިގެން އެ ސްޓޭޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް ކެނޑި ފެން ނުލިބިފައި ތިބި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތު ވަނީ ހާއްސަ އެންގެވުމެއްވެސް އަންގަވާފައެވެ. އޭނާ ވިދާޅުވީ، ސިޓީގެ އެއްވެސް ވިލެޖަކަށް ބޭނުންވާ އެންމެ ދަށް މިންވަރަށް ނަމަވެސް ކަރަންޓް ލިބެން ޖެހޭނެ ކަމަށާއި، އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ އިދާރާތަކަށް އެންގުމާއެކު ސްޓޭޓް ސަރުކާރުން އަޅަމުން ދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށެވެ.
އޭޕްރީލް އިން ފެށިގެން ޖޫންގެ ނިޔަލަށް އިންޑިއާ އަށް އަންނަ ހޫނު މޫސުމުގައި އިންޑިއާގެ އެކި ސަރަހައްދުތަކަށް ފެނުގެ ދަތިކަމާ ކުރިމަތިވެއެވެ. 1.4 ބިލިއަންގެ އާބާދީއެއް އޮންނަ އިންޑިއާއަށް ހޫނު މޫސުމުގެ މި އުނދަގުލާ ކުރިމަތިވާ އިރު މޫސުމާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނަނީ، އޭސިއާ ބައްރުގައި ހޫނު ގަދަވަމުން ދަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަމަށެވެ.