ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކާޑޭޝިއަން އާއިލާގެ މެންބަރު، ކޯޓްނީ ކާޑޭޝިއަން 44އ، ހަތަރުވަނަ ދަރިއަކަށް ބަލިވެއިން ކަން ހާމަކޮށްފިއެވެ.

ފިރިމީހާ ޓްރޭވިސް ބޭކާ ގެ މިއުޒިކް ޝޯއެއްގެ ތެރެއިން ކޯޓްނީ ބަނޑުބޮޑުކަން ހާމަކުރި އިރު އޭގެ ވީޑިއޯ ކުލިޕެއްވެސް ވަނީ ކޯޓްނީގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. މިދަރިފުޅަކީ ކޯޓްނީ އާއި ޓްރޭވިސް ގެ ގުޅުމަށް ލިބޭ އަލަތު ދަރިފުޅެވެ. މިދިޔަ އަހަރު ދެމީހުން ވަރަށް ސިއްރިއްޔާތުގައި ކައިވެނިކުރިއިރު ޓްރޭވިސް ބޭކާ ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައެވެ. އޭނާ ކުރި ދެވަނަ ކައިވެނިން ދެ ކުދިން ޓްރޭވިސް އަށް ވަނީ ލިބިފައެވެ.

ކޯޓްނީ ގެ ތިން ދަރިން އޭނާގެ އެހެން ގުޅުމަކަށް ވަނީ ލިބިފައެވެ. އޭނާ ބަނޑުބޮޑުކަން އިއުލާންކުރުމާއެކު ކާޑޭޝިއަން އާއިލާގެ ފޭނުން އޭނާ އަށް މަރުހަބާ ކިޔަމުން އަންނައިރު އޭނާ ކުރި ޕޯސްޓަށް ވެސް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. މިއަހަރުގެ ކުރީކޮޅު އޭނާގެ ފޭނުން ކޯޓްނީ ބަނޑުބޮޑު ކަމަށް ބުނެ ވާހަކަ ފެތުރިއިރު، އެދުވަސްވަރަކީ ކޯޓްނީ އައިވީއެފް އެއް ހެދުމާ ގުޅޭ ގޮތުން ވިސްނާ ކަމަށް ބުނި ދުވަސްކޮޅުވެސްމެއެވެ.

ކޯޓްނީ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކް އަށް ތިން ދަރިން ލިބުނުއިރު އެ ކުދިންނަކީ މޭސަން 12، ޕެނެލޮޕީ 10 އަދި ރެއިން 8 އެވެ. ކާޑޭޝިއަން އާއިލާ އަކީ އެމީހުންގެ ދަރިންނަށް ވަރަށް ތަފާތު ނަންތަކެއް ދޭ ބައެކެވެ. އެ އާއިލާ އަށް އުފަންވި އެންމެ ފަހު ކުއްޖަކީ ކައިލީ ޖެނާ ގެ އެއާ އެވެ.

ކޯޓްނީ އާއި ޓްރޭވިސް އަކީ މީގެ ކުރިން ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ކޯޓްނީ އާއި ޓްރެވިސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، 2021 ގެ އޮކްޓޯބަރު މަހު މި ދެތަރިން ވަނީ އެންގޭޖުވެފައެވެ. އަދި މިދިޔަ އަހަރު ދެމީހުން ވަނީ ކައިވެނިކޮށްފައެވެ.