8 ރަށެއްގައި މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 5 ގޮނޑި އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންއަކީ، ހދ. ފިނޭ، ރ. އަނގޮޅިތީމް، ކ. ދިއްފުށީ، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ލ މާމެންދޫ އަދި ގދ. ހޯޑެްދޫގެ ބައި އިލެކްޝަންގެ ވޯޓުލުމެވެ.

މީގެ ތެރެއިން ޕީޕީއެމްއިން ވަނީ ހދ. ފިނޭ އާއި ކ. ދިއްފުށި، މ. ވޭވަށް، ލ. މާމެންދޫ އަދި ގދ. ހޯނޑެއްދޫގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 8 ގޮނޑީގެ ތެރެއިން ދެ ގޮނޑިއެވެ. އަދި ރ.އަނގޮޅިތީމުގެ އިންތިހާބުކުރީ އަމިއްލަ ކެނޑިޑޭޓެކެވެ.

މި 8 ރަށުގެ އިތުރުން ގއ. ދެއްވަދޫއާއި ރ. މީދޫގެ އިތުރުން ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަން ވެސް މިއަދު ބޭއްވުމަށް ހަމަޖެހުނެވެ. ނަމަވެސް ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ ގޮނޑިތަކަށް ކުރިމަތިލައިފައި ނުވާތީ އެ ރަށްތަކުގެ އިންތިހާބު ވެސް ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައެވެ.

މި ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްގުލިބޭ މީހުންގެ އަދަދީ 4985އެވެ. މި އިން ކޮންމެ ރަށެއްގައި އެއް ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މާލޭގައި ދެ ވޯޓު ފޮއްތެއް ވަނީ ބަހައްޓާފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެ ރަށްރަށުގައި ބައި އިލެކްޝަން ބާއްވަން ޖެހުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި ކާމިޔާބާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން ވަނީ ރައްޔިތުން ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ކެތްމަދުވެފައި ކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބުތަކުން އެނގިގެން ދިޔައީ ގައުމުގެ މިސްރާބު ބަދަލު ކުރުމުގެ އޮވަރު ގަދަވެފައިވާކަން ކަމަށް ގައްސާން ފާހަގަކުރެއްވިއެވެ.