ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން 1983 ވަނަ އަހަރު އުފެދުނީއްސުރެ ބައިނަލް އަގުވާމީ މުބާރާތްތަކާއި އަވަށްޓެރި ގައުމުތަކުގެ ނޭޝަނަލް ޗެމްޕިއަންޝިޕްތަކުގައި ވާދަކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން އެހެން ބުނެފައިވަނީ އިންޑިއާގެ އިންޓަ ސްޓޭޓް އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވާދަކުރާ ކަމަށް ލިޔެފައިވާ ހަބަރަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއީ ދިވެހިރާއްޖެ ކަމަށާއި މިއީ އިންޑިއާގެ ސްޓޭޓެއް ނޫން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެ އެސޯސިއޭޝަނުން ބުނީ އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން ރާއްޖެއަށް ދިން ފުރުސަތެއްގައި އިންޑިއާގެ ބުބްނޭޝްވަރުގައި މިހާރު ކުރިޔަށްދާ 62 ވަނަ އިންޑިއާ އިންޓާ ސްޓޭޓް އެތުލެޓިކްސް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 5 އެތުލީޓުން އަންނަނީ ވާދަކުރަމުން ކަމަށާއި މި މުބާރާތުގައި ރާއްޖޭ އިތުރުން އަވަށްޓެރި ސްރީލަންކާގެ އެތުލީޓުންވެސް ވާދަކުރާ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުން އިންތިޒާމް ކުރާ އެ ގައުމުގުތަކުގެ ނޭޝަނަލް ޑިސްޓްރިކްޓް ސިޓީ ލެވެލް ކުޅިވަރު މުބާރާތްތަކުގައި އަވަށްޓެރި ގައުމުތަކަށް ދައުވަތު ދީގެންނާއި އަވަށްޓެރި ގައުމުތަކުން އެދިގެން، އެ މުބާރާތްތަކުގައި އެހެން ގައުމުތަކުން ވާދަކުރުމަކީ އާ ކަމެއް ނޫން ކަމަށާއި ވަކިން ހާއްސަކޮށް އިންޑިވިޖުއަލް ކުޅިވަރުތަކުގައި މިފަދަ ފުރުސަތުތައް ދިނުމަކީ އާންމުކޮށް ހުރިހާ ގައުމުތަކަކަށްވެސް ކުރަމުން އަންނަ ކަމެއް ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

އެސޯސިއޭޝަނުން ބައިވެރިވެ ވާދަކޮށްފައިވާ އެހެން ގައުމުތަކުގެ ނޭޝަނަލް މުބާރާތްތަކުގެ ތެރޭގައި ސްރީލަންކާ، ޕާކިސްތާން، މެލޭޝިއާ، ސިންގަޕޫރު، ބޮޓްސްވާނާ އަދި އިންޑިއާ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތައް ހިމެނެއެވެ. އަދި ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި ވެސް އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާ އެތުލީޓުން ވާދަކޮށް އެ ގައުމުތައް ތަމްސީލްކޮށްފައިވެއެވެ.

އެސޯސިއޭޝަނުން ބުނީ އެކަން އެހެން އޮތްކަމުގައި ވިޔަސް ބައެއް ފަރާތްތަކުން އެކަމާ ގުޅޭގޮތުން ދައްކާ ހަގީގަތް އޮޅޭ ވާހަކަތަކަކީ އެ ވާހަކަތަކުގެ ސަބަބުން މިހާރުވެސް އިންޑިއާގައި ތަމްރީން ހަދަމުން އަންނަ އެތުލީޓުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް އަސަރުކުރާފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.