ތެލާއި ކާޑު ރާއްޖެއަށް ނުލިބެއޭ ވިދާޅުވާއިރު އެކަންކަން ނުކުރެވޭނަމަ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމުން ފައިބާ ވަޑައިގަންނަވަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.

ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑު ލިބުމަށް ދަތިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަލީ ހުސައިން ވިދާޅުވީ މިއަދު ފެންނަނީ ބޮޑު ފިޔާ ބަސްތާ އެއްގެ ދަށުގައި ތާށިވެފައި ވާތަން ކަމަށާއި އެހެންނަމަވެސް ދިވެހިންނަކީ 'ބޮޑު ފިޔާ ޕޮލިޓިކްސް' ތެރޭގައި ތާށިވެފައި އޮންނަން ޖެހޭފަދަ ނިކަމެތި ބައެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ނިއުމަތާއެކު އިތުރު ބޮޑު ނިއުމަތެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެއީ ހުސްނުވާ ރީތިކަން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"އެހެންނަމަވެސް މިތާކު ތެލެއް ނެތޭ، ވަރަށް ނިކަމެއްޗޭ ބޮޑު ފިޔާ ކޮޅެއް ނެތޭ ކާޑެއްވެސް ނުލިބެއޭ. ކޮން ވާހަކައެއް ތި ވިދާޅުވަނީ. ނުވަންޏާ ފައިބާ ވަޑައިގަންނަވާ."

ކާބަފައިން މި ގައުމު މިނިވަން ކަމާއެކު ދެމެހެއްޓީ ބޭރު ދުނިޔެއަށް ސަލާން ޖަހާގެން ނޫން ކަމަށާއި މި ގައުމުގެ މިނިވަންކަން ދެމެހެއްޓީ މި ގައުމަށް ލިބުނު އެއްޗެއް ބޭރު ދުނިޔެއަށް ވިއްކައިގެން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި ކަނޑުމަހާއި ކުފުރާ އާއި ރޯނު، ބޭރު ގައުމުތަކަށް ގެންގޮސްގެން މިގައުމުގެ މިނިވަންކަން ދެމެހެއްޓި ނަމަވެސް މިއަދު އެކަން ނުވެފައި ވަނީ ގެނެވިފައި އޮތް ސަރުކާރުގެ ދޯހަޅިކަމާއި ބަލިކަށި ކަމުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ސަރުކާރު ބަލިކަށި ވަނީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނެތުމުން ކަމަށެވެ. އަދި ރައީސް ހުންނެވީ ހާރިޖީ ވަޒީރު ބޯޓު ދަތުރުކުރަން، އެއް އަހަރު ފޮނުވައިގެން ކަމަށް ވިދާޅުވެ އަލީ ހުސައިން ވަނީ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާއެއް އަމާޒު ކޮށްލާފައެވެ.