ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ހާން އާއި ކާޖޮލް އަކީ މިއަދު ވަރަށް ގާތް ދެ ރަހުމަތްތެރިން ނަމަވެސް އެއީ ކުރިން ގާތް ރަހުމަތްތެރިންނެއް ނޫނެވެ. މިދެތަރިން އެންމެ ފުރަތަމަ ބައްދަލުވީ ފިލްމު "ބާޒީގަރު" ސެޓުން 1993 ވަނަ އަހަރުއެވެ. ޝާހް އާއި ކާޖޮލް ދިމާވިތާ މިއަހަރު 30 އަހަރުވެގެން ދާއިރު މިއަދު އޮތް ގާތް ގުޅުމެއް އޭރު މިދެމީހުންގެ ނެތެވެ.
"ބާޒީގަރު" ސެޓުން ދެމީހުން ދިމާވިއިރު ޝާހު އަށް ކާޖޮލް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. ކާޖޮލްގެ އަޑުގަދަ ކަމާއި އޭނާގެ ހުންނަ ސިޔާސަކަން އޭރު ޝާހު އަށް ކަމަކު ނުދިޔައެވެ. މީގެ ކުރިން ކާޖޮލް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޝާހު ފެނުނު ފުރަތަމަ ދުވަހު އޭނާ އަކީ ވަރަށް ފޫހި މީހެއްކަމަށް ހިތަށް އެރިކަމަށެވެ. ފިލްމުގެ ސެޓުގައި ދެގަޑިއިރު ވަންދެން ހުއްޓާ ނުލައި ސްކްރިޕްޓް ކިޔަން އިންނައިރު މީހަކާ އަނގައިން ބުނެލާނެ ހިތްވަރެއްވެސް ޝާހުގެ ކިބައިގައި ނެތް ކަމަށް ކާޖޮލް ބުންޏެވެ. އެހެންވެ ކާޖޮލް އަށް ވެސް ޝާހު އޭރު ކަމަކު ނުދިޔައެވެ.
ދެމީހުން ދިމާވިތާ 30 އަހަރުވެގެން ދިޔައިރު މިއަދު ކާޖޮލް އާއި ޝާހު އަކީ ބޮލީވުޑްގެ އޮން ސްކްރީން ކަޕްލްގެ އެއްވަނަ އެވެ. އަދި އެއީ އެންމެ ގާތް ދެރަހުމަތްތެރިންނެވެ. ދެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބާޒީގަރު" ބޮޑު ހިޓަކަށްވުމާއެކު ގިނަ ޑައިރެކްޓަރުން ކާޖޮލް އާއި ޝާހު އާ އެކު މަސައްކަތް ކުރުވަން ބޭނުންވިއެވެ. އެކަން އަދިތްޔާ ޗޯޕްރާ ކާމިޔާބު ކުރީ 1995 ވަނަ އަހަރު ގެނެސްދިން ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔެގޭ" އިންނެވެ. އެ ފިލްމުގެ ސެޓުން ދެމީހުން ވެސް އެކަކު އަނެކަކު ދަސްކޮށް ދެމީހުންގެ އެކުވެރިކަން ބޮޑަށް ބަދަހިވެގެން ދިޔައެވެ. އަދި އެ ފިލްމު ވެގެން ގޮސްފައި ވަނީ މުޅި ބޮލީވުޑް ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. ބޮކްސް އޮފީހުގައި ޖުމްލަ ދެ ބިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ހޯދި މި ފިލްމު ބެލުމަށްފަހު އެންމެންނަށްވެސް ކަމުދިޔައީ މި ޖޯޑެވެ. ޝާހު އާއި ކާޖޮލްގެ ކެމިސްޓްރީ ދިމާވާކަމަށް ބުނެ ދެމީހުންގެ ފިލްމެއް އަނެއްކާވެސް ބަލަން ބޭނުންވާ ކަމަށް ފޭނުން ބުނަމުން ގެންދިޔައެވެ. ހަމަ އެއަހަރު އަނެއްކާވެސް ދެމީހުންގެ ފެނިލުމެއް ސްކްރީނުން ފެނިގެންދިޔައެވެ. އެއީ "ކަރަން އަރުޖުން" އެވެ.
އޭގެ ފަހުން 1998 ވަނަ އަހަރު ފޭނުންގެ ހިތްތަކަށް ހިތްހަމަޖެހުމެއް ގެނައީ ކަރަން ޖޯހަރު ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ. މި ފިލްމަކީ މިއަދުވެސް ގިނަ ޒުވާނުންގެ އިތުރުން ދުވަސްވީ މީހުން އެންމެ ގިނައިން ބަލާ އެއް ފިލްމެވެ. ހަގީގީ ބޮލީވުޑް ފޭނަކަށް މި ފިލްމު ނުބަލާނަމަ ނުވާނެއެވެ. ފިލްމަކަށް ފަހު ފިލްމެއް ކުޅެން ދެމީހުންނަށް ފުރުސަތު ލިބުމުން ދެމީހުންގެ އެކުވެރިކަން ވެސް ދިޔައީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ހިއްސާކޮށް އެކުއެކީ ވަގުތު ހޭދަކުރަން ފެށިގެން ދިޔައެވެ. އޭގެ ފަސް އަހަރު ފަހުން 2003 ވަނަ އަހަުރ "ކަބީ ޚުޝީ ކަބީ ގަމް" އިން ޝާހު އާއި ކާޖޮލް އެކުގައި ފެނިގެންދާނެ ކަން އިއުލާންކުރުމުން ދެމީހުންގެ ފޭނުންވެސް ތިބީ ފިލްމު ރިލީޒްވާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށެވެ. ފިލްމުގެ ޓިކެޓް ވިއްކަން ހުޅުވާލިއިރަށް މުޅި މަގުމަތި ފުރިގެންދިޔައީ ޓިކެޓް ގަންނަން އައި މީހުންގެ ސަބަބުންނެވެ. އެހެން ފިލްމުތަކެކޭ އެއްގޮތަށްވެސް މި ފިލްމު ވީ ބޮޑު ހިޓަކަށެވެ. އެ ފިލްމަށްފަހު ދެމީހުންވެސް އެހެން ތަރިންނާއެކު މަސައްކަތް ކުރަން ފެށިއެވެ. އެކި އެކި އެކްޓަރުންނާއެކު މަސައްކަތް ކުރަމުން ދިޔައެވެ. 2003 ވަނަ އަހަރު ފަހުން ޝާހު އާއި ކާޖޮލް އަށް އެކުގައި ފިލްމަކުން ފެނުމުގެ ފުރުސަތު ލިބުނީ "މައި ނޭމް އިޒް ހާން" އިންނެވެ. މިއީ ދެމީހުންގެ ވެސް ތަފާތު އެކަމަކު މޮޅު މަސައްކަތެކެވެ. އަނެއްކާވެސް ބޮޑު ހިޓެކެވެ. އޭގެ ފަހުން އަނެއްކާވެސް ދެތަރިން އެހެން ތަރިންނާއެކު މަސައްކަތްކުރުމަށްފަހު ޒަމާންގަނޑަކަށް ފަހު ދެމީހުން އެއްކޮށް ފެނުނީ 2015 ވަނަ އަހަރު ގެނެސްދިން ފިލްމު "ދިލްވާލޭ" އިންނެވެ.
އެންމެ ފުރަތަމަ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔެގޭ" ކުޅެން ހުށައެޅީ ޝާހު އަކަށް ނޫނެވެ. އެކްޓަރު ސައިފް އަލީ ހާން އަށެވެ. ނަމަވެސް އޭރު ސައިފް އަތުގައި ފުލުފުލުގައި ފިލްމުތައް ހުރުމުން އެ ފިލްމަށް ތާރީހެއް ނުދެވުމުގެ ސަބަބުން ސައިފް އެ ފިލްމު ދޫކޮށްލިއެވެ. އޭގެ ފަހުން "ކަބި އަލްވިދަނާ ކެހެނާ" ކުޅުނުމުގެ ފުރުސަތު ކާޖޮލް އަށް ލިބުނެވެ. ނަމަވެސް އެދުވަސްވަރު އާމިރު ހާން އާއެކު ފިލްމު "ފަނާ" ކުޅެން އެއްބަސްވެފައި ވާތީ އެ ފިލްމު ކާޖޮލް އަށް ކުޅުމުގެ މަގު ފަހިނުވިއެވެ. އެހެންކަމުން ޝާހު އާއެކު އެ ފިލްމުން ފެނިގެންދިޔައީ ރާނީ މުކަރްޖީއެވެ.
މިއަދު މިދެތަރިންނަކީ އެންމެ ގާތް ރަހުމަތްތެރިންނެވެ. އެކަކު އަނެކަކާ ނުލައި ނޫޅެވޭ ވަރުގެ ގާތް އެކުވެރިންނެވެ. އެކުވެރިކަމުގެ މިސާލެއް ވެސް މެއެވެ. ޝާހު އާއި ކާޖޮލް އެކީގައި ކުޅުނު ހުރިހާ ފިލްމެއް ވެސް ބޮޑު ހިޓަކަށް ވެފައިވާއިރު މިއަދުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އަނެއްކާވެސް މިދެތަރިން އެކުގައި ފެނިގެންދާނެ ދުވަހަކަށެވެ. ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. ޒުވާނެއް މުސްކުޅިއެއް ކިޔާނެ ކަމެއް ނެތެވެ. ހަމަ ޝާހު އާއި ކާޖޮލް ވަރެއް ނެތެވެ. އެއީ އެންމެންގެ ވެސް ފޭވަރިޓެވެ.