ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިތަފާރި ކުރަމުން ދަނިކޮށް މިދިޔަ މަހު ހައްޔަރުކުރި 13 މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާ ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީއެއް ހޭދަކުރުމަށް ކަމަށް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ އެމްއެސްޓީ ބްރިސްޓީ (28އ) ގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ރާއްޖެ އައީ ޓޫރިސްޓް ވިސާގައި، ޗުއްޓީ ހޭދަކުރުމަށް ކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި އޭނާ ހުންނަތާ 27 ދުވަސް ވެފައި ވާއިރު އޭނާގެ ފިރިމީހާއާ ވާހަކަ ދައްކަން ފުރުސަތު ނުދޭކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުރުހުން ބުނީ އެ އަންހެން މީހާ ހުޅުމާލޭ "ތުރީ އިން ހޮޓެލް" ގައި ބުކިން ހައްދާފައިވާ ނަމަވެސް އެތަނަށް ގޮސްފައި ނުވާކަމަށެވެ. އަދި އޭނާގެ ފިރިމީހާއަށް ގުޅުމަށް ދިން ނަންބަރުތަކަށް ގުޅާ ދީފައިވާނެ ކަމަށާ އެއިން އެއްވެސް ނަންބަރަކުން ޖަވާބު ދީފައި ނުވާކަމަށެވެ.

އިއްޔެ އެ އަންހެން މީހާގެ ބަންދަށް ކޯޓުން އިތުރު 15 ދުވަސް ދީފައި ވާއިރު އޭނާގެ ބަންދުގެ އަމުރުގައި ވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އޭނާ ބަންދުގައި ހުންނަން ޖެހޭ ހާލަތު އަދިވެސް ވުޖޫދުގައި ވާ ކަމަށެވެ.

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ތަނެއް ބަލާ ފާސްކޮށްފައި ވަނީ މެއި 17 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ އަށް ފިރިހެނަކާއި އެ ގައުމުގެ އަންހެނެއްގެ އިތުރުން ތައިލޭންޑުގެ ހަތަރު އަންހެނަކެވެ.