ރައްޔިތުން މަޖިލިސް ހިންގުން ހުއްޓުވައިގެން އުޅެނީ ސަރުކާރުން ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން މަޖިލީހުުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ މަޖިލިސް ހިންގުން ހުއްޓުވައިގެން އުޅެނީ ތަކެތީގެ އަޑު ބޮޑުވުމާއި ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލައިގެން އުޅޭ ފަދަ މުހިންމު މައްސަލަތަކެއްގައި މަޖިލީހުގެ ތަޅުމުގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީ މެމްބަރުން މަޖިލިސް ހުއްޓުވަން ނިޒާމީ މައްސަލަ ނެގީ މަޖިލީހުގެ ނައިބު ރައީީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ނެތުމާއި މަޖިލީހުގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނެވުމުން ކަމަށެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީީސް އާއި ނައިބު ރައީީސް އުޒުރުވެރި ވެއްޖެނަމަ ކަން ކުރަންޖެހޭ ގޮތް މަޖިލީހުގެ ގާވާއިދުގައި ސާފުކޮށް ބަޔާާންކޮށްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މަޖިލިސް ކުރިއަށް ގެންދެވެން އޮތީ މަޖިލީހުގެ ރައީސްގެ މައްސަލަ ނުވަތަ ނައިބު ރައީސްގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންގޮސްގެން ކަމަށް އަލީ އާޒިމާއި އަލީ ހުސައިން ފާހަގަކުރައްވާއިރު އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވެސް ނެތް ކަމަށެވެ.
އެމްޑީޕީގައި ތިއްބެވި މެންބަރުންތަކެއް އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނުދެވިފައިވާއިރު ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.