މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލަސްޓު ގެޒެޓްގައި ޝާއިއުކޮށްފައިވާނެކަމަށެވެ. އަދި ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެށްގެ ކައުންސިލް އިދާރާ، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގެ އަވަށު އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 15:00 އަށް ހުޅުވާލާފައިވާކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށާ ހުކުރު ދުވަހު މެންދުރުފަހު 15:00 ން 17:00 އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިިބިފައިވާ އުމުރުން 18 އަހަރުން މަތީގެ 282،672 މީހުން ތިބިއިރު އިލެކްޝަނުން އާންމު ކުރި ލިސްޓުގައިވަނީ މީހާގެ ނަމާ އެޑްރެސް އަދި ރަށުގެ އިތުރުން އައިޑީ ކާޑްގެ ނަމްބަރުގެ ފަހު ދެއަކުރު ހިމަނާފައެވެ.