ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފަށަން ނިންމާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެ ގޮތަށް ހަދައިފިއެވެ.

ސިޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަނީ މުހިއްމު 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ގޮތުން ރާއްޖެއާ ސީޝެލްސްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި:

އެގްރީމެންޓް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮން ޝޯޓް ސްޓޭ ވިސާ ވެއިވާގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއިއެކު ދެ ގައުމުގެ އިޖްތިމާޢީ އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.

އެގްރީމެންޓް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް ކޮންސާނިން އެއާ ސާވިސަސްގެ ދަށުން ދެ ގައުމުގެ މެދުގައި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިގްތިސާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.

ޕްރޮޓޮކޯލް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮންދަ ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސިޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދާ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސްގެ ބޭނުމަކީ ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

މީގެ އިތުރުން މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން ފޮ ޔޫތު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ފެމިލީ އޮފް ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އެންޑް ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮފް ދަ އޮފް ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި އިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ހިއްސާކޮށް، ގާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ގާއިމްކުރުމެވެ.