ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ޖަމީލު، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލް މަރްހޫމް އަބްދުﷲ ޖަމީލްގެ މައްޗަށް ކަށުނަމާދު ކޮށްފައި ވަނީ އަސްރު ނަމާދަށް ފަހުގައި، އިސްލާމީ މަރުކަޒުގައެވެ.

ކަށުނަމާދަށް ފަހު، އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ ގަލޮޅު ސަހަރާގައި، ރަސްމީ އިއްޒަތުގައެވެ.

އަބްދުﷲ ޖަމީލްގެ ކަށުނަމާދާއި ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ހިދުމަތްތެރިންނާއި ވަޒީރުން ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން، މާދަމާ މެންދުރުފަހު 1 އިން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1 އަށް ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

54 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރެއްވި އަބްދުﷲ ޖަމީލް އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި ހަ ވުޒާރާއެއްގެ ވަޒީރުކަމާއި، ރައީސްގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު ހިމެނެއެވެ. އޭގެ އިތުރުން، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތ. އަތޮޅު 30 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ތަމްސީލްކުރައްވައިފައެވެ.