ޕާކިސްތާންގެ ހުޅަނގު އުތުރު ސަރަހައްދުތަކަށް ބޯ ވާރެއާއި ގަނޑުފެން ވެހި ފެންބޮޑުވުމުގެ ސަބަބުން 25 މީހަކު މަރުވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން ބޯ ވާރެއާއެކު ގަނޑުފެން ގުޅަ ގުޅަ [ހެއިލް] ދަނީ ވެހެމުންނެވެ. އެގޮތުން އެންމެ ބޮޑަށް އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި އެ ބިތުގައި އޮންނަ ބަންނޫ، ލައްކީ މަރުވަތު އަދި ކަރަކް ހިމެނެއެވެ. މި ސަރަހައްދަކީ އަފްގާނިސްތާނާ ވެސް ގުޅޭ އިމުގެ ހައިބާރު ޕަހުތުންހުވާ ގައި އޮންނަ އަވަށްތަކެކެވެ.

މި ހާދިސާގައި ފެންބޮޑުވެ ބައެއް ގަސްގަސް ވެއްޓި، ކަރަންތް ދޭ ޓްރާންސްމިޓަރުގައި ޖެހި ހިނގަމުން ދާ ހާދިސާތަކުގައާއި އެކި އެކި އަނިޔާ ލިބިގެން 145 މީހަކު ޒަހަމްވެފައި ވާ ކަމަށް ވެސް ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނީ، ހުސްވި މަހުގެ ތެރޭގައި ވެސް ހިތާމެވެރި ހާދިސާއެއް ހިނގާ އަންހެނުންނާއި ކުޑަކުދިންތަކެއް މަރުވެފައި ވާ ކަމަށެވެ. އެ ހާދިސާ ހިނގީ، ފަރުފަދައެއްގެ މަތީގައި ހަރުލާފައި ހުރި ސްނޯތަކެއް ފައިބައިގެން ހިނގި ހާދިސާއެއްގައި ކަމަށް ވެސް ބުނެއެވެ.

ބޯކޮށް ވާރޭ ވެހި ފެނބޮޑުވެފައި ވާ ސަރަހައްދަކުން ސަލާމަތް ވުމަށް ބަޔަކު ހަރަކާތްތެރި ވަނީ

ޕަކިސްތާންގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ގޮވާލައްވަމުން، އެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ ވެފައި ވުމުން ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ޕާކިސްތާންގެ ޑިޒާސްތާ މެނޭޖެމަންޓް އޮތޯރިޓީން ބުނީ، ބޯކޮށް ވެހެވުންދާ ވާރެއާއި ފައިބަމުން ދާ ގަނޑުފެނުގެ ވާރޭގައި ވައިގެ ބާރުމިން ގަޑިއަކު 150 ކިލޯމީޓަރަށް އަރާފައި ވާ ކަމަށެވެ.

މިދިޔަ އަހަރަކީވެސް ޕާކިސްތާނަށް ނުރައްކާ ބޮޑު ވިއްސާއެއް ކުރިމަތިވި އަހަރެކެވެ. ޕާކިސްތާންގެ މުޅި ތާރީހުގައި ކުރިމަތި ނުވާ ވަރުގެ ގެއްލުން ބޮޑުވި އެ ވިއްސާރައިގައި ޕާކިސްތާންގެ ބޮޑު ބައެއްގައި ފެންބޮޑުވެ އެތައް މަސްތަކެއް ވާންދެން އޮތީ ފެނުގެ އަޑީގައެވެ. އެހާދިސާގައި 1739 މީހަކު މަރުވެފައި ވާ އިރު އޭގެ ތެރޭގައި 647 ކުޑަކުދިން ހިމެނެއެވެ. އަދި ހާލުގައި ޖެހުނު މީހުންގެ އަދަދު 33 މިލިއަނަށް އެރިއެވެ.