މިހާރު މި ހިންގަނީ 'އެމްޑީޕީ އެއް' ނޫންކަމަށާ މިހާރު މި ހިނގަނީ 'ވަގުންގެ ނެޓްވޯކެއް' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެއެވެ.
ރޭ 'ދަ ޑިމޮކްރެޓްސް' އިން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިމްތިޔާޒް ވަނީ މިހާރު އެމްޑީޕީން ގެންގުޅޭ ސިޔާސަތުތައް ކަމުނުދާ ކަމަށް ވިދާޅުވެފައެވެ.
ދަ ޑިމޮކްރެޓްސް އުފެއްދި މަގުސަދާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިމްތިޔާޒް ވިދާޅުވީ އެމްޑީޕީއަށް ދިވެހިންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އުފެދިގެން ދިޔައީ އާ ހިތްވަރަކާއި ރޫހަކާ އެކު ރާއްޖެ ރަނގަޅު މަގަށް ގެނައުމަށް ކަމަށެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިމްތިޔާޒް ވަނީ އެއީ ވަގުންގެ ނެޓްވޯކެއް ކަމަށް ވިދާޅުވެ "ވަގުންގެ ނެޓްވޯކް ބާއި ބާއި. އެ ނެޓްވޯކް އަޅުގަނޑުމެން ފުނޑާލާނަން." ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދުމަށް އެމްޑީޕީން ގާނޫނުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތާއެކު އިންތި ވިދާޅުވީ އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދަން ވެރިފަރާތުން އެދުމުން އެކަން ހުއްޓުވަން ކޯޓު އަމުރަކަށް އެދުނު ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެ ނުދިނުމުން ސިއްރިއްޔާތުގައި ވެސް ކޯޓު އަމުރެއް ނެރެދިނުމަށް އެމްޑީޕީން ކޯޓަށް ދިޔަކަމަށް އިންތި ވަނީ ތުހުމަރު ކުރައްވާފައެވެ. އަދި މި އަމަލުން އެކަނިވެސް މިހާރު އެމްޑީޕީގެ ފެންވަރު އެނގިގެން ދާ ކަމަށް އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިންތި ވިދާޅުވީ އެ މަނިކުފާނުގެ ސިކުނޑިފުޅު ބޭނުން ކުރައްވާނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވުރު ގެންނަވަން ކަމަށާއި "ކަރާމާތުގެ ދުލި އެލުވަައިގެން" ސެލްފީ ނެންގެވުމަށް ނޫން ކަމަށެވެ.
އެމްޑީޕީ އިން ރައީސް ނަޝީދު އާ މެދު ކަންތައް ކުރި ގޮތުގެ މައްޗަށް އިޝާރަތް ކުރައްވަމުން އިންތި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް "ތަބަކުން ވެރިކަން ހޯއްދަވައި ދެއްވައި" އެއަށް ފަހު މަޖިލީހަށް މެންބަރުން ހޮވުމަށް މުޅި ގައުމުގައި ނަޝީދު ދަތުރު ކުރައްވައިގެން އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހޯއްދަވައި ދެއްވީމައި ވެސް ގޮއްވާލީ ބޮމެއް ކަމަށެވެ.