އިންޑިއާ އާއި ޗައިނާ އާ ދެމެދު ހަމަނުޖެހުން ހިނގާ ދެގައުމު ގުޅޭ ސަރަހައްދީ އިމުން ފަހަތަށް ޖެހެން ޖެހޭ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރް ވިދާޅުވެއްޖެއެވެ.
ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ދެގައުމުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގާފާނެ ފަދަ ހާލަތަކުން ދުރުވެ ތިބުމަށް ހިމަލަޔާ ބޯޑަރުން ދެގައުމުވެސް ދުރަށް ޖެހެން ޖެހޭ ކަމަށާއި އެކަމަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި 3 އަހަރު ދެގައުމުން ވެސް ކުރި ކަމަކީ، ބޯޑަރު ސަރަހައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ޖަމާ ކުރުމެވެ. އަދި ދޭތެރެ ދޭތެރެ އިން އެއްފަރާތުން އަނެއް ފަރާތަށް ދެގައުމުގެ ސިފައިން ވަންނަ ކަމުގެ ތުހުމަތާ އެކު ކުރިމަތިލުން ހިނގައި ތަޅާ ފޮޅާ ހަދާފައި ވެސް ވެއެވެ. އަދި މިފަދަ އެއް ކުރިމަތިލުމެއްގައި އިންޑިއާގެ 20 އަދި ޗައިނާގެ 4 ސިފައިން މަރުވެފައި ވެސް ވެއެވެ.
"އަހަރެމެން ދެބައި މީހުން ގޮތެއް ހޯދަން ޖެހޭ، އަހަންނަކަށް ހިއެއް ނުވޭ އެއްވެސް ބަޔަކަށް ކުރިއެރުމެއް ލިބޭ ގޮތަށް ނެތް ހާލަތެއްގައި ޗައިނާއަށް ވެސް ވާނެ މޮޅެއް އޮތް ހެނެއް"
އޭނާ އިތުރަށް ވިދާޅުވީ ބޯޑަރުގެ މައްސަލައިގައި ދެގައުމުގެ ގުޅުން ރަނގަޅު ނޫން ކަމަށާއި ބޯޑަރުގައި ކަންކަން ގޯހަށް އާންމު ހާލަތެއްގައި އަބަދު އޮންނާނެކަމަށް ގަބޫލު ކުރުމަކީ ގޯހެއް ކަމަށެވެ.
ބޯޑަރުގެ މައްސަލަ ސުލްހަ ވެރިކަމާއެކު ގެންދިޔުމަށް ދެގައުމުގެ ދެމެދުގައި މީގެ ކުރިންވެސް ގިނަ މަޝްވަރާތަކެއް ކުރެއެވެ. އެ މަޝްވަރާތަކުގެ އަލީގައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އޮތް ނަމަވެސް ހާލަތު ގޯސް ކަމަށް އިންޑިއާ އިން ބުނެއެވެ.
ޖައިޝަންކަރު ވިދާޅުވީ، ބޯޑަރުގެ ކަންތަކުގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ގިނަ ދޮރުތައް ހުޅުވާފައި ވާ ކަމަށާއި އަބަދުވެސް އެ މަގުން ކަންކަން ގެންދަވާ ކަމަށެވެ.
އިންޑިއާ އާއި ޗައިނާ އަކީ 3800 ކިލޯމީޓަރުގެ ބޯޑަރު ސަރަހައްދެއް ހިއްސާ ކުރާ ދެގައުމެވެ. އެ ބޯޑަރުގެ އެ ދެގައުމުން 1962 ގައި ވަރުގަ ހަނގުރާމައެއް ވެސް ކުރިއެވެ. ނަމަވެސް 1990 ގައި ގާއިމު ކުރި ގިނަ އެއްބަސްވުންތަކާ އެކު ބޯޑަރުގެ ކުރިމަތިލުންތައް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
އިންޑިއާ އާއި ޗައިނާ އާ ދެމެދު މި މައްސަލައިގައި ނުތަނަވަސްކަން އޮތް ނަމަވެސް އިންޑިއާގެ ދެވަނަ އަށް އެންމެ ބޮޑު ވިޔަފާރި މާކެޓަކީ ޗައިނާއެވެ.
އަނެއްކޮޅުން އިންޑިއާ އަކީ އޭސިއާ ޕެސިފިކްގައި ޗައިނާގެ އިގްތިސޯދީ އަދި އަސްކަރީ ބާރު ވަރުގަދަ ވިޔަ ނުދިނުމަށް އެމެރިކާ، އޮސްޓްރޭލިއާ އަދި ޖަޕާން ގުޅިންގެން އުފައްދާފައި އޮންނަ ޖަމާއަތުގެ މެންބަރެއްވެސް މެއެވެ. މި ޖަމާއަތާ ދެކޮޅު ހަދަމުން ޗައިނާއިން ބުނެފައި ވަނީ އެއީ ޗައިނާގެ ކުރިއެރުމަށް ހަސަދަވެރިވެގެން އެމެރިކާ ފަހަތުގައި އޮވެ ހިންގާ ޖަމާއަތެއް ކަމަށެވެ.