އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފީޗާ ފިލްމު "ނީނާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.
ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދާ މި ޓީޒާ ޓްރެއިލާ ގައި ވަރަށް ގިނަ ސްޓަންޓު އަދި ތަޅާފޮޅާ މަންޒަރުތައް ވެސް ހިމެނެއެވެ. ފިލްމުގެ ބަތަލާ ނުޒުހަތު ޝުއައިބު ނީނާ ކެރެކްޓާ ކުޅޭއިރު އެ ކެރެކްޓާ ޓީޒާ އިން ފެނިގެންދަނީ ވަރަށް ވަރުގަދަ ކެރެކްޓާއެއްގެ ގޮތުގައެވެ. ކޮންމެ ކަމެއްވެސް ކޮށްލަން ފަސްނުޖެހޭނެ، ފިރިހެނަކަށް ދޫކޮށްނުލާނެ ފަދަ ކެރެކްޓާއެކެވެ. ޓީޒާ އިން ވެސް ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔައިރު ގިނަ ބަޔަކު އަންނަނީ ޓިޒާ އަށް ތައުރީފްކުރަމުންނެވެ. އަދި ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނަމުންނެވެ.
މި ފިލްމު އާންމުންނާ ހަމައަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ފިލްމުގެ 30 ޝޯ އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމާފައި ވާއިރު މި ފިލްމަކީ މިއަހަރު ސިނަމާއަށް ނެރޭނެ އެންމެ އުއްމީދީ އެއް ފިލްމެވެ. ބެލެވޭ ގޮތުގައި މި ފިލްމުވެގެންދާނީ މިއަހަރު ސިނަމާގައި އަޅުވާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑެވެ.
މީގެ ތިން އަހަރުކުރިން ފިލްމު ޝޫޓްކޮށް ފިލްމުގެ މަސައްކަތް ނިމުނު ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ފިލްމު އެޅުވޭނެ މަގު އެއްކޮށް ބަންދުވިއެވެ. އޭގެ ތިން އަހަރު ފަހުން މިއަހަރު އޮލިމްޕަސް ހުޅުވައި ފުލުފުލުގައި ދިވެހި ފިލްމުތައް ދައްކަމުން އަންނަ މި ދަނޑިވަޅުގައި ވަނީ "ނީނާ" ގެ ޓްރެއިނިން ތައް ފެންނަހެން ހަދާފައިވާ ވީޑިއޯ އެއް އާންމު ކޮށްފައެވެ. ފިލްމުގެ ޓީޒާ މީގެ ކުރިން ދެއްކިއިރު މި ފިލްމުގެ ޓީޒާ އަށް ވަނީ އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައެވެ. މަޝްހޫރު ތަރި ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ލ. އަތޮޅުގައި ބޮޑު ބައި ޝޫޓްކުރި ފިލްމެކެވެ.
ނުޒޫގެ ގިނަ ލުކްތަކެއް ފެނިގެންދާ މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.