"ދަ ޑިމޮކްރެޓްސް" މެންބަރުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ތެެރެއިން ލީކުވެފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީއިން މިހެން ބުނެފައިވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން ހުށަހަޅާފައިވާ ފޯމުތަކުގެ މައުލޫމާތު ލީކްކޮށްލާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އީސީގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއް އެ ކޮމިޝަނުގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާނެ ކަމަށް އީސީއިން ބުނެއެވެ. އަދި ރިޔާސީ އިންތިހާބަށް އީސީއިން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި އެ ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުފެތުރުމަށް ވެސް އެ ކޮމިޝަނުން އިލްތިމާސް ކުރެއެވެ.
"ދަ ޑިމޮކްރެޓްސް" މެންބަރުންގެ ލިސްޓު ލީކުވީ ކަމަށް ބުނެ އީސީ އަދި ފުލުހަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
"ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީ ކުރުމަށް 3560 ފޯމާއެކު އީސީއަށް ހުށަހަޅައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ހެދުމުގެ ހުއްދައަށް އެދި މިދިޔަ މަހުގެ 21 ވަނަ ދުވަހު އިލެކްޝަނަށް ހުށަހެޅުމުން ހުއްދަ ދީފައި ވަނީ އޭގެ 3 ދުވަސް ފަހުން މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.
ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ޕާޓީ އުފެދުނީއްސުރެ ބޭނުން ކުރަމުން ދިޔަ ހަރުގެ އަތުލުމަށް އިމާރާތުގެ ވެރިފަރާތުން މަސައްކަތް ކުރަމުން ދާތީ، އެމްޑީޕީގެ މުދަލާއެކު ތަޅުލާ ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު ޑިމޮކްރެޓްސް އެތަނަށް ވަނީ ވަދެގެންފައެވެ.
ޑިމޮކްރެޓްސް އެތަނަށް ވަނީ އިމާރާތުގެ ވެރިފަރާތް، ޝަފިއްޔާ ޒުބައިރުގެ ވެސް ހާޒިރުގައި އެތަނުގައި ތަޅު ހަލާކު ކޮށްލައިގެންނެވެ.