ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި އިމާރާތްކުރާ 'ދަ ގާޑަންސް' އެޕާޓްމަންޓްތަކުގެ މަސައްކަތް ނިންމައި ބިމުގެ އަގު ދެއްކުމަށް އާބަންކޯއިން 30 ދުވަހުގެ ނޯޓިހެއް ދީފިއެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާ ފްލެޓްތައް ގަތް މީހުންނަށް އަދިވެސް އެ ތަނަށް ދިރިއުޅުން ބަދަލުކުރެވިފައި ނުވާއިރު ޖައުސާގެ އެހެން ވިޔަފާރިތަކުގެ ގުދަނެއްގެ ގޮތުގައި އެ ތަން ބޭނުންކުރާކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެފައެވެ.
އާބަންކޯއިން ބުނީ ޖާހުގެ ދަ ގާޑަންސް ހައުސިން މަޝްރޫއު ނިންމުމަށް ގިނަ ފުރުސަތުތަކެއް ދީފައިވާކަމަށެވެ. އަދި އެ މަޝްރޫއު ދިގުލައިގެން ދިޔަ މައްސަލަ އިތުރަށް ބެލުމަށް ފަހު މަސައްކަތް ނިންމުމަށާ އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސް ދީފައިވާކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.
މީގެ ކުރިން ޖާހު ކޮންސްޓްރެކްޝަން ބުނީ ކޮވިޑް-19ގެ ހާލަތާއި މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ފަދަ ސަބަބުތަކާ ހެދި މަސައްކަތް ލަސްވީި ކަމަށެވެ. އަދި މި އަހަރު ސެޕްޓެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ޖާހު އިން ވަނީ ބުނެފައެވެ.
އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ބައެއް މީހުން ވަނީ ޖާހު އާ ދެކޮޅަށް ފުލުހަށްވެސް މައްސަލަ ހުށަހަޅާފައެވެ.