ބޮލީވުޑްގެ ކުޅަދާނަ ދެ ބަތަލާއިން ކަމަށްވާ ސަނީ ލިއޯން އާއި ރާކުލް ޕްރީތް ސިންހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ކާންސް ފިލްމު ފެސްޓިވަލަށް ފަހު ސަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮއްޓެފަރު މޯލްޑިވްސްގައެވެ. ރާއްޖެ އައިސް ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން ސަނީ ބުނީ އަނެއްކާވެސް ރާއްޖެ އާދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ވަރަށް އުފާވާ ކަމަށެވެ. އެޑޮޕްޓްކުރި އަންހެން ކުއްޖަކާއި ސަރޮގޭޓްކޮށްގެން ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިން ތިބި ސަނީ އަކީ ބޮލީވުޑްގެ އައިޓަމް "ގާލް" އެކެވެ. 2012 ގެ ފިލްމު "ޖިސްމު 2" އިން ބޮލީވުޑް އަށް ތައާރަފްވި ބަތަލާ ވަނީ ކާމިޔާބު ގިނަ ލަވަތައް ކުޅެދީފައެވެ.
ބަތަލާ ސަނީގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އަނެއް ބަތަލާ އަކީ ރާކުލް ޕްރީތެވެ. ޕަޓީނާ މޯލްޑިވްސް ފަރި އައިލޭންޑްސްގެ ހިތްގައިމު މާހައުލުގައި ރާކުލް ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން އޭނާ ބުނީ އޭނާ އަކީ "މާމެއިޑް" އެއް ކަމަށެވެ. ރާކުލްގެ ލޯބިވެރިޔާ، ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރާކުލް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.
ބޮލީވުޑްގެ މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ރާކުލް އެންމެ ފަހުން ފެނިގެންދިޔައީ "ޗަތުރީވާލީ" އިންނެވެ. އޭނާ އަތުގައި މިވަގުތު ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "މޭރީ ޕަތުނީ ކާ ރިމޭކް"، "އަޔަލާން" އަދި "އިންޑިއަން 2" ހިމެނެއެވެ.