އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ރައީސް ސޯލިހް އައްޑޫ އަަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، އައްޑޫ ސިޓީގައި މި ވަގުތު ކުރިއަށް ދާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ. މި ރަސްމިއްޔާތު މިއަދު ހަވީރު 16:00 ގައި ހަންކެޑެ އާއި މަރަދޫ ގުޅޭ ބްރިޖް ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައި ވާއިރު ރައީސްގެ މި ދަތުރުފުޅުގައި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ފައްޓަވައި ދެއްވާނެއެވެ.

އިންޑިއާގެ ރިނާޓަސް އާ ހަވާލުކޮށްގެން ކުރިއަށް ދާ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީ ހިތަދޫ، ސިޓީ ސްކެއާގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ރޭގަނޑު 20:30 ގައެވެ.

ރައީސްގެ ދަތުރުފުޅުގައި ސަރުކާރުން މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުން ވެސް އޮންނާނެއެވެ.