ކުރިން އަޑުއެރުވި ގޮތާ ތަފާތު މަންޒަރެއް ފެންނަނީ މަށަށް އެކަނި ހެއްޔެވެ؟ 24 ގަޑި އިރުތެރޭ 3000 ހަމަ ކުރަން އެކި މޭޒު ދޮށުގައި ވާހަކަ ދެއްކި އިރު 10 ދުވަހުން ދުވާލަކަށް 1000 ގެ މަގުން 10،000 ހަމަކުރާ ވާހަކަވެސް ދެއްކިއެވެ.

އެވާހަކަ ދެއްކި ބައެއް މީހުންނާ އޭރުވެސް ދެބަސްވެ އަހަރެން ސުވާލު އުފެއްދީމެވެ. ޕާޓީތަކަށް ސޮއިކޮށްގެން ތިބި މީހުންނަކީ ޕާޓީ ކަމު ނުގޮސްގެން ސޮއިކޮށްގެން ތިބި މީހުން ނޫން ކަމަށާއި، އެމީހުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވާނީ ކޮންމެވެސް ފަސޭހަ ގޮތްތަކެއް ނުވަތަ މުހުތާދުތަކެއް އެ ދާތަނަކުން ފުދޭނެންޏާއެވެ. ނުވަތަ އެމީހާ އެދޭ އެދުމެއް އެމީހަކު ހުރި ޕާޓީން ނުފުދި ހިތްހަމަ ނުޖެހިގެން ނޫނީ ނުދާނެ ކަމަށެވެ. އަދި މާ ގާތްކަމުން ނުވަތަ އާއިލީ ގުޅުމަކުން ޕާޓީ ބަދަލު ކުރާނީ މަދު ބައެއް ކަމަށާއި ތިމާ 'ބޯ ފުޅިން ބޯ' ބަޔަކު ނުވަތަ ތިމާ 'ބޯ އެއްޗެއް ބޯން' ބަޔަކު ހިނގައިދާނެ ކަމަށެވެ.

ޒުވާބު ދެމުން މޭޒުގައި ތިބި ބައެއް މީހުން ބުނީ، މިއަދުގެ ތާރީހު ޖެހުމަށެވެ. އެއީ ދަ ޑިމޮކްރެޓްސް އިން އިލެކްޝަނަށް ފޯމް ހުށަހަޅާތީ ޖަހަން ބުނި ތާރީހެކެވެ. އެމީހުން ބުނީ، މިއަދު ނަންބަރު ދައްކާލާނެ ކަމަށާއި އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ފޯމް ހުށަހަޅާ ރެކޯޑް ހަދާނެ ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތައް ހިނގައި ގަތީމައި 'ބަލަން ހުރުމަށް' ބުނެ ވަނީ 'ގޮން ޖަހާފަ' އެވެ.

ތެދެކެވެ. ދަ ޑިމޮކްރެޓްސް އަކީ، ނެގިމަޑުވެ ބިއްޖެހިފައި ތިބޭ ބަޔަކު އުޅޭ ޕާޓީއެއް ނޫނެވެ. އެއީ މަގުމައްޗަށް ފަރިތަ، ސީދާ ހަރަކާތަށް ވެސް ފަރިތަ، ސިޔާސީ ހަރަކާތް ހިންގަން ދަންނަ ބަޔަކު ތިބި ޕާޓީއެވެ. ކްރިއޭޓިވް އަދި އުފެއްދުންތެރި ހިޔާލުތަކާއެކު ކެމްޕެއިން ކުރާނެ ޕާޓީއެކެވެ. އެކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ.

ރާއްޖޭގެ ސިޔާސީ ހަޔާތުގައި މަލްޓި ޕާޓީ ޑިމޮކްރަސީ އުފަންވެ މި ފާއިތުވެ ދިޔަ 21 އަކަށް އަހަރު، ދެމި އޮންނަތީ މި ފެންނަނީ މައިގަނޑު 2 ޕާޓީއެކެވެ. އެއީ 57،660 މެންބަރުންނާއެކު އެމްޑީޕީ އާއި 38،704 މެންބަރުންނާއެކު ޕީޕީއެމްއެވެ. ދެން ހުރީ އެ ދެމެދުގައި ހުރި ކުދިކުދި ޕާޓީތަކެވެ.

މިހާރު ހުރި ޕާޓީތަކާއި އަދަދުތައް؛

  • ޖޭޕީ – 22،607
  • އެމްޑީއޭ – 10،386
  • އެމްއެންޕީ 9،838
  • އަދާލަތު 9،786
  • ޕީއެންސީ – 3،159
  • އެމްޓީޑީ – 3،016
  • އެމްއާރުއެމް – 2،981

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވާ މީހުންގެ އަދަދު 282،000 އަށް އަރާ ކަމަށް އިލެކްޝަނުން އިއުލާން ކޮށްފައި ވާ އިރު ހުރިހާ ސިޔާސީ ޕާޓީއަކަށް (މެންބަރުން ތިބި އަދަދު) ކަނޑާލައިފި ނަމަ ޕާޓީއަކަށް ނުވަންނަ 123،863 މީހަން އެބަތިއްބެއެވެ. އެމީހުން ޕާޓީތަކަށް ނުވަދެ ތިބީ ވަންނާނެ ޕާޓީއެއް ނެތިގެން ނުވަތަ ނޭނގިގެން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ގިނަ ބަޔަކަށް ރާއްޖޭގައި ޕާޓީތައް ހިންގާ ގޮތް ވެސް، އަދި ސިޔާސަތުވެސް ކަމު ނުދަނީއެވެ. އަމިއްލަ އެދުމާއި، އަމިއްލަ އަންބޮނޑި ބޮޑު ކުރުމާއި، އާއިލާ އާއި ރައްޓެހިންގެ މުހުތާދުތައް ފުއްދުމާއި ވަޒީފާއާއި އެހެނިހެން އިނާޔަތްތައް ބަހާ ގޮތް ކަމު ނުދަނީއެވެ. އަމުދުން އެންމެހާ ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރަން ގެންނަ ބައެއް ސިޔާސަތުތައް އެއްގޮތަކަސް ވެސް ކަމަކު ނުދެއެވެ. މީހުންގެ ނުފޫޒާއި ގައުމުގެ ތަކުގެ ތައްޕާހަށް ވެއްޓުމަކީ ގިނަ ދިވެހިންނަށް ކަމުދާ ގޮތެއް ނޫނެވެ.

ގިނަ އެތައް ސަބަބުތަކާ ހުރެ ޕާޓީތަކަށް ނުވަދެ ތިބި މީހުންނަނީ ދެންވެސް އެހެން ތިބޭނޭ ބައެއް ކަމަށް އެ މޭޒުގައި އަހަރެން ބުނީމެވެ. އެހެން ވެއްޖެ ނަމަ، ޑިމޮކްރެޓްސް އިން އެ ބުނާ 10،000 ކުއްލިއަކަށް ހަމަކުރާނީ ކިހިނެއްތޯ އެހީމެއެވެ. މޭޒުގެ ޖަވާބަކަށް ވީ، އެއީ އެމްޑީޕީގެ ތެރޭގައި އެމްޑީޕީއާ ހިޔާލު ތަފާތު މީހުން ކަމަށެވެ. "ހިންގާލަން" ބުނެ އައި ލީޑާޝިޕަށް ހިންގުނު އެއްޗެއް ނެތް ކަމަށާއި އާ ޕާޓީއެއް އުފަންވާން ޖެހުނު އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ. މީގެ ކުރިން ހިލޭ ސާބަހަށް، ލޯބިން، ހިތުން ރުހުމުން އެމްޑީޕީގެ ހަރަކާތްތަކުގައި މީހުން އުޅުނު ކަމަށާއި އެ ރޫހާއި އެ ސަގާފަތް ބަދަލު ކޮށްލީ "ހިންގާލަން" އައި މީހުން ކަމަށެވެ.

"އެމީހުން މުޅި އެތި ބަދަލު ކޮށްލީ ފައިސާ އަށް، ދެން ވާނެ ގޮތް ވިސްނާ، އެކަކުވެސް އެއްވެސް ތާކަށް ނުދޭ، ކުޑަމިނުން ދިދަގަނޑެއް ދަމާލަންވެސް ދަނީ ފައިސާ އަށް"
މޭޒުން ޒުވާބު ދިން މީހާ ބުންޏެވެ.

އިތުރަށް އޭނާ ބުނީ، ދާދި ފަހުން އެމްޑީޕީގެ ބޮޑު ދިދަ ރާއްޖޭގެ ހުރިހާ ރަށެއްގައި ނެގި ހަރަކާތުގައި ވެސް ގިނަ ރަށްރަށުން މީހުން ނުނިކުންނަ ކަމަށާއި އެކަން ކުރީ ފެނަކައިގެ މުވައްޒަފުން ނެރެގެން ކަމަށެވެ.

އޭނާގެ އެވާހަކަ އަޑުއަހަށް އިނދެފައި ކުރިން ބުނި ހަގީގަތުގެ މައްޗަށް ދެންވެސް އަހަރެން ކުރީ ސުވާލެކެވެ. އެއީ ޕާޓީ ތަކަށް މީހުން ނުވަދެ ތިބީ ވަންނާނެ ޕާޓީއެއް ނޭނގިގެން ނޫން ކަމަށް ވެފައި، ޕާޓީ ތަކުގައި ތިބި ބަޔަކު ތިބީ، ލިބޭ މަންފާތަކާއި ވަޒީފާތަކާއި އަދި ޕާޓީގައި ދެމި ތިބުމުގެ ސަބަބުން ވަޒީފާއާއި އެނޫންވެސް ފަސޭހަތަކެއް ލިބިދާނެ ކަމުގެ އުއްމީދުގައި ކަމަށް ވާ އިރު، ޑިމޮކްރެޓްސް އަކީ މިއަދު އޮތް ސަރުކާރާ ދެކޮޅު ޕާޓީއެއް ކަމުން އެ ޗާންސް އެމްޑީޕީގެ މެންބަރުން ނަގާނެތޯއެވެ.

މިސާލަކަށް، މާދަމާ އެމްޑީޕީގެ ސަރުކާރު ބަދަލުވިޔަސް، ވެރިކަން ޑިމޮކްރެޓްސްގެ އަތްމައްޗަށް ފުރޮޅުމަށްޓަކައި، އެކަށީގެންވާ ނަންބާސް [އަދަދުގެ ގޮތުން މެންބަރުން] ބޭނުންވާނެ ކަމަށާއި، އެ އަދަދު ލިބޭތަން ނުވަތަ ޕާޓީއަށް ވަންނާނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެން ކަމަށް ވާނަމަ، މިހާރުވެސް ފަސޭހައިން ވަޒީފާއާއި އެހެނިގެން ފަސޭހަތައް ލިބެން ތިބި ބަޔަކު، އެ ފުރުސަތު ދޫކޮށް އުއްމީދެއްގައި ޑިމޮކްރެޓްސް އަށް ދާނެތޯއެވެ.

މަހުޖަނުން ކަމަށް ވާ ގާސިމް އިބްރާހިމް އާއި ސަންޓްރެވަލް ސިޔާމް މެން ފަދަ ބޭފުޅުންވެސް އެ އުޅުއްވަނީ މައި ދެޕާޓީ އާ އަރާ ހަމަނުކުރެވިގެން ކަމަށާއި، އެ ޕާޓީތަކުގައި ރިޔާސީ ފިކުރުގައި ތިބި ބަޔަކު އަމުދުން ވަކި ފިކުރެއް [ބަރުލަމާނީ] ދިރުވާ ބަޔަކާ ގުޅޭނެތޯއެވެ.

އަދި ނިމިދިޔަ ޕާޓީގެ ރިޔާސީ ޕްރިމަރީއަށް ފަހު އެރި "ފިކުރެއްގެ ދިރުން' ފޯރީގައި ފޯމް ފުރި މީހުންގެ ތެރެއިން ބަޔަކު ވަޒީފާއާއި އެހެން ފަސޭހަތަކުގައި މިހާރު ފިކުރާ ދުރުވެފައި ވުމުން އެ އަދަދުވެސް ގެއްލޭނެ ނޫންހެއްޔެވެ. އޭގެ ކުރިއަށް 'ނިޒާމު ބަދަލުކުރަން' ފުރި ފޯމުގެ ނަތީޖާ އާއި 'ފިކުރެއް' އުފައްދަން ފުރި ފޯމުގެ ނަތީޖާ އަކީ ކޮބައިތޯއެވެ.

އެ ދެ ހަރަކާތުންވެސް އަޑުއެރުވި ވަރާ ގާތަށް ވެސް ފޯމު ނުފުރާ ނޫންހޭ ބުނީމައި މޭޒުގެ ޖަވާބު ކުރުކޮށްލިއެވެ. ބުނީ ބަލަން ތިބުމަށެވެ. ވާވަރު ދައްކާލާނެ ކަމަށެވެ. އެހެންވީމައި މިހުރީ ބަލާށެވެ. ރިޔާސީ އިންތިހާބާ ހަމައަށް އަންނަ އިރު ކޮށްލެވޭ ވަރު ބަލާށެވެ.