މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް ކައުންސިލަށް ހުށަހެޅުމާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި އެކަމާ ބެހޭ މަޝްވަރާތައް ވަނީ ކޮށްފައެވެ. މި ގޮތުން މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީއެއް ނެގުމަށް ނިންމާފައެވެ.
މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކްތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށާ އެއީ ތަފާތު ކުރުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފީ ނެގުމަށް ނިންމާފައި ވާއިރު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައެޅުމަށް ވެސް ކައުންސިލްގެ ޖަލްސާގައި ވަނީ ނިންމާފައެވެ.
މީގެ ކުރިން ސަލްޓަން ޕާކް މަރާމާތުކޮށް އަލުން ހުޅުވިއިރު އެ ތަނަށް ވަންނަ ބިދޭސީންގެ އަތުންވެސް ފީއެއް ނެގި އިރު ރައީސް ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު އެކަން ވަނީ ހުއްޓާލާފައެވެ
ތިޔަކަންތައް ވާނެބާ ދިވެހިން އަތުންފީ ނަގަންޏާ އެކަންތައް ތަންފީޒް ވަމުން ދާނީ މިހާރުވެސް މިގައުމުގައި ބޭރުމީހުނައް އުޅެން މާ ފަސޭހަ އެމީހުންނަކައް ގާނޫނެއް ނުހިނގާ ވިޔަފާރިވެސް ކުރަނީ ރަޖިސްޓްރީ ނުކޮށް މިހާލަތުގަ މިގައުމު އޮތީ