ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާންގެ ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޕާކިސްތާނުގެ މިސްބާހް ބީބީ(32 އަހަރު)، ނައީމް ތޯރިގް(32 އަހަރު)، ހަވާރް ހުސައިން(36 އަހަރު) އަދި ޝަހްޒާދު ހުސެއިން (36 އަހަރު)އެވެ.

އެމީހުން ބަންދުކުރުމަށް ނެރުނު އަމުރުގައި ވަނީ އެ މީހުން ރާއްޖެއަށް އައިއިރު، ހަރަކާތްތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވުނު ކަމަށެވެ. އެހެންކަމުން އެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރި އިރު ހަށިގަނޑު ތެރޭގައި އެއްޗެހިތަކެއް ހުރިކަން ދެނެގަނެވުނު ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

އިއްޔެ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް، އެމީހުންގެ ގައިރު ހާޒިރުގައި ބޭއްވި ޝަރީއަތުގައި، ކްރިމިނަލް ކޯޓުންވަނީ އެ ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ދީފައެވެ.

އެ ހަތަރު މީހުންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމިއިރު، އެ މީހުން ތިބީ ދޫނިދޫ މެޑިކަލް ކްލިނިކްގައެވެ. އެހެންކަމުން އެމީހުންގެ ގައިރު ހާޒިރުގައި މުއްދަތް ޖަހާފައިވާތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ކްލިނިކުން ދޫކޮށްލާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަންގާފައެވެ.