ހއ. އަތޮޅު ކައުންސިލް ރައީސް އަދި ވ. އަތޮޅު ކައުންސިލްގެ ރައީސް "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދެވުމުގައި އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވ. އަތޮޅު ކައުންސިލް ރައީސް ޝުޖާއު އެ ޕާޓީއަށް ސޮއި ކުރައްވާ އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގައި އުޅުއްވާ މުހައްމަދު ޝިފާޒް (ޝިއްޕެ) ކުރެއްވި ޓްވީޓެއްގައި ވަނީ، ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގް އެ ޕާޓީއާ ގުޅިވަޑައިގެންނެވީތީ މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެންބަރުން ވެސް ވަނީ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވާފައެވެ. މި މެންބަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމާއެކު މިއީ ކުޅުދުއްފުށި ސިޓީގެ ތާރިހުގައިވެސް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނޭހެން އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޕާޓީން ވަކިވެފައި ވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ސޮއި ކުރެއްވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަމުން ދާ އިރު އަމިއްލައަށް އިސްތިއުފާ ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު މައުސޫމެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވަނީ 3000 މެންބަރުންގެ ސޮއެވެ.