އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް މާލެއާއި ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތާ ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު ހަވާލުކޮށްފިއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި އެ ހާއްސަ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހާލިދު ވިދާޅުވީ އެ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި އެފްއެސްއެމްގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެފްއެސްއެމް އާއިއެކު ވެވުނު އެ ޕާޓްނާޝިޕާއެކު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް އެހީތެރިވެދޭ ކަމަށް ހާލިދު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން ހާލިދު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ގަސަމް ވިދާޅުވީ އުރީދޫ މޯލްޑިވްސްއާއި ގުޅިގެން އެމް ފައިސާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށާއި މުވައްޒަފުންނަށްވެސް ލުއި ފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ހިދުމަތް އެހެން ސަރަޙައްދުތަކަށް ފުޅާކޮށް، ފަސޭހަކަމާއި ރައްކާތެރި ކަމާއެކު ފައިސާ ދެއްކުމުގެ ފައިދާ އިތުރު ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫއާއެކު މަސައްކަތްކުރާނެ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.