ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މެއި22، 2023 ވަނަ ދުވަހު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށާ މިހާރު ކުރިއަށް ދަނީ ސައިޓުގައި ބެޑް ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ.

ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށްވަނީ ނިންމާފައެވެ. އަދި 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.