އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސައިން ސަޔެދު އަބްރާރް ހުސައިން ނަމަކަށް ކިޔާ އުމުރުން 55 އަހަރުގެ މީހެކެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަޔާނާއި ފޮޓޯތައް ހުށަހަޅާފައި ވާއިރު އޭނާއަށް އަނިޔާ ކުރި މަންޒަރު އަންހެން މީހާގެ ދެ ދަރިންނަށްވެސް ވަނީ ފެނިފައެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ އޭނާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދަށް ކުރިން ކޯޓުން ދީފައިވާ 15 ދުވަސް ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާ ދޫކޮށްލުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާގެ އަނބިމީހާ މިމައްސަލަ އިތުރަަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ އާނާ ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު އޭނާ ދޫކޮށްލަން ކޯޓުން ނިންމި އިރު، ފުލުހުން ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ފުރަތަމަ ދުވަހު އަނިޔާ ކުރި މަންޒަރު އަނބިމީހާގެ ދެ ދަރިންނަށް ފެނިފައިވާ ކަމަށާ އަނިޔާ ލިބުނު މީހާގެ ބަޔާނާއި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތައް ވެސް ކޯޓަށް ހުށަހަޅާފައެވެ.