ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގެންނެެވި ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހުސިނު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް ގެ ހާޒިރުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޑީޕީއަށް ސޮއިކުރައްވައި މެންބާޝިޕް ފޯމު ރައީސް ސޯލިހް އާއި ހަވާލުކުރެއްވުމުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މުހުސިނަށް އެމްޑީޕީގެ ދިދައެއް ދެއްވާފައެވެ.

މުހުސިން އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް އެމްޑީޕީން މިދިޔަ ހަފްތާގައި މަޖިލީހަށް ވެއްދި މައްސަލާގަ ވެސް މުހުސިން ވަނީ ސޮއި ކުރައްވާފައެވެ.

އެމްޑީޕީގެ 12 މަޖިލީސް މެންބަރުން އެ ޕާޓީން ވަކިވެފައިވާއިރު މުހުސިން އެ ޕާޓީއަށް ސޮއި ކުރެއްވުމުން ދެން މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު 56 މެންބަރުންނެވެ.