ދާދި ފަހުން އިންޑިއާގެ ކަރްނާޓަކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރި އިންޑިއާގެ އިދިކޮޅު ޕާޓީން މަދްޔަ ޕްރަދޭޝް އަށް އާ ވައުދުތަކެއް އިއުލާން ކޮށްފިއެވެ.

ކަރްނާޓަކާގައިވެސް "ވިއްކި" ވައުދުތަކާ ދާދި އެއްގޮތް ވައުދުތަކެއް މަދްޔަ ޕްރަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ކެމްޕެއިނަށް އިއުލާން ކޮށްފައި ވާ އިރު، ކޮންމެ ގެއަކަށް ގޭސް ފުޅިއެއް ގަތުމަށް 500 ރުޕީސް އާއި އެ ސްޓޭޓްގެ ކޮންމެ އަންހެނަކަށް މަހަކު 1500 ރުޕީސްގެ އެލަވަންސަކާއި، 200 ޔުނިޓާ ހަމައަަށް ކަރަންޓް ބިލް ދެބައިކުޅަ އެއްބައި ކުޑަ ކޮށްދިނުމާއި 100 ޔުނިޓާ ހަމައަށް އެއްކޮށް ހިލޭ ކޮށްދޭނެ ކަަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ބާރު އޮތް އެހެން ބައެއް ސްޓޭޓްތައް ކަމަށް ވާ ހިމާޗަޕް ޕްރަދޭޝް އާއި ރާޖަސްތާން ފަދައިން އުމުރުން ދުވަސް ވީ މީހުންނަށް ޕެންޝަން ސްކީމެއް ތައާރަފް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ނިމިދިޔަ ކަރިނާޓަކާގެ އިންތިހާބުގައި 224 ގޮނޑީގެ ތެރެއިން 137 ގޮނޑި ކޮންގްރެސް ޕާޓީ ހޯދި އިރު، އެއީ މިފަހުން ވެރިކަން ކުރާ ނަރެންދްރަ މޯދީގެ ބީޖޭޕީއަށް އެންމެ ބޮޑު ނާކާމިޔާބީއެއް ލިބުނު ސިޓީވެސް މެއެވެ. ބީޖޭޕީއަށް ލިބިފައި ވަނީ 65 ގޮނޑިއެވެ.

ކަރްނާޓަކާގެ އިންތިހާބުގައި ކޮންގްރެސް ޕާޓީން ވައުދުވި ކަންތައްތަކުގެ ތެރޭގައި ކޮންމެ އަންހެނަކަށް 2000 ރުޕީސް ދިނުމާއި ފަގީރުންނަށް ކޮންމެ މަހަކު 10 ކިލޯގެ ހަނޑު ހިލޭ ދިނުމާއި، ދަނޑުވެރިންނަށް ބޭނުންވާ ކިރަށް ދޭ ސަބްސިޑީ 5 ރުޕީސް އިން 7 ރުޕީސް އަށް އިތުރު ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން 200 ޔުނިޓާ ހަމައަށް ކަރަންޓް ހިލޭ ކުރުމުގެ ވައުދު ހިމެނެއެވެ.

ކޮންގްރެސް ޕާޓީއަށް އެ ސިޓީން ލިބުނު 137 ގޮނޑީގެ ތެރޭގައި މި ދައުރުގައި މުޅިން އަލަށް ކަށަވަރުވި 57 ގޮނޑި ހިމެނެއެވެ. ބީޖޭޕީއަށް 65 ގޮނޑި ލިބުނު އިރު އެއީ މިދިޔަ ދައުރަށާ ވުރެ 39 ގޮނޑި މަދު އަދަދެކެވެ. ޖޭޑީއެސް އަށް 19 ގޮނޑި ލިބުނު އިރު އެ ޕާޓީއަށް ވެސް ވަނީ ކުރީ ދައުރާ އަޅާބަލާ އިރު 18 ގޮނޑި ގެއްލިފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކަށް 3 ގޮނޑި ލިބިފައި ވެއެވެ.

އިންޑިއާގެ ކަރްނާޓަކާގެ އިންތިހާބަކީ، އަންނަ އަހަރު އިންޑީއާގައި އޮންނަ އާންމު އިންތިހާބަށް ވަރަށް މުހިންމު އިންތިހާބަކަށް ވާ އިރު އިދިކޮޅު ކޮންގްރެސް ޕާޓީން މި ހޯދި ކާމިޔާބާއެކު އެ ސްޓޭޓް ސަރުކާރަށް ގެއްލޭނެ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. އެއީ އިންޑިއާގެ އުތުރާއި މެދުތެރެ އަދި ދެކުނުގެ މެޖޯރިޓީ ބީޖޭޕީއަށް އޮތް ނަމަވެސް ކެރަލާ، ޓެމިލްނާޑު، އަންދްރަ ޕްރަދޭޝް އަދި ތެލަންގަނާ ފަދަ ސްޓޭޓްތަކުގެ މެޖޯރިޓީ ކޮންގްރެސް އަށް އޮރުމާއެކު މި ސްޓޭޓް ލިބިފައި ވުމެވެ.

އާބާދީގައި 67 މިލިއަން މީހުން ދިރިއުޅޭ ކަރުނާޓަކާ އަކީ، އާންމު އިންތިހާބުގައި ނަތީޖާ ބަދަލު ކުރުމުގައި މުހިންމު ސްޓޭޓެކެވެ. އައިޓީއަަށް މަޝްހޫރު ބެންގަލޫރު ވެރިރަށުގެ ގޮތުގައި އޮންނަ ކަރުނާޓަކާގެ ގިނަ ސިޓީތަކަކީ ކިޔަވައިގެން ތިބި ޒުވާނުން ގިނަ ސިޓީތަކެކެވެ.

މަދްޔަ ޕްރަދޭޝް އަކީ ބިމުގެ އޭރިއާ އަށް ބަލާނަމަ ދެވަނަ އަށް އެންމެ ބޮޑު ސްޓޭޓެވެ. އަދި 72 މިލިއަން މީހުންނާއެކު އާބާދީގެ ގޮތުން 5 ވަނަ އަށް އެންމެ ބޮޑު ސިޓީއެވެ.