ކަސްޓަމަރުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށް ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

ކުޅުދުއްފުށީ ޕޯޓް އިން ބުނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ޕޯޓްގައި "ބަނދަރު ޕޯޓަލް" ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ ސަރަޙައްދީ ބަނދަރުތަށް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ދަށުން، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ޑިޖިޓަލްކުރުމުގެ މައިގަނޑު ބޭނުމަކީ ހިދުމަތްތައް ފުޅާކޮށް ލުއިފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ފޯރުކޮށް ދިނުންކަމަށް އެ ޕޯޓުން ވަނީ ބުނެފައެެވެ. އަދި ބަނދަރު ޕޯޓަލް ލޯންޗް ކުރުމާއިއެކު ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުން ދެމުންގެންދާ ހިދުމަތްތަށް ހަރުދަނާވެ، ހަލުވިކަމާއިއެކު ކަސްޓަމަރުންނާއި ވީހާވެސްގާތުން ހިދުމަތްތަށް ފޯރުކޮށްދެވިގެން ދާނެކަމަށް ކުޅުދުއްފުށީ ޕޯޓް އިން ވަނީ ބުނެފައެވެ.

އިތުރަށް ކުޅުދުއްފުށީ ޕޯޓުން ބުނީ އެ ސަރަޙައްދީ ބަނދަރުގައި މި ޕޯޓަލް ލޯންޗްކުރާ ތާރީހުން ފެށިގެން ބަނދަރުގައި ބޭނުންކުރަމުން ގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ "މާލޭ ކޮމާޝަލް ހާބަރު" ޓެރިފް ކަމަށެވެ. އަދި އަލަށް ގެންނަ މި ބަދަލާއެކު މާލޭ ކޮމާޝަލް ހާބަރުގެ ޓެރިފް އާއި ރޭޓް އަދި ތަފާތު ޗާޖަސްތަކާއި ޓެރިފްގައި އަލަށް ހިމެނޭ ޗާޖަސްތަކުގެ ތަފްސީލް ވަނީ ދީފައެވެ.