މަކަރާއި ހީލަތުގެ މައްސަލައިގައި ތަކުރާރުކޮށް ހައްޔަރުކުރާ މީހަކު ނުވަ ވަނަ ފަހަރަށް އެ ފަދަ އިތުރު މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.

މަކަރާއި ހީލަތް ހެދުމާ، ފޯޖަރީ އާއި މަނީ ލޯންޑަރިން އަދި ކައުންޓަފީޓްގެ އިތުރުން ސައްހަ ނޫން ޑޮލަރު ބޭނުން ކޮށްގެން ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ސ. ހުޅުދޫ އިރަމާގެ، ހުސައިން ޒައިދާން އަލީ (23އ) އެވެ.

އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މި ބާވަތުގެ އިތުރު ހަތް މައްސަލައެއްގެ ތަހުގީގު ކުރިއަށް ދާކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މި ބާވަތުގެ ދެ މައްސަލައެއް ޝަރީއަތަށް ހުށަހެޅި ކޯޓުގައި ހިނގަމުން ދާކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

އިއްޔެ ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެއްކާއި ސީސީޓީވީ ފުޓޭޖާއި ވިކްޓިމްގެ ބަޔާން ހުށަހަޅާފައި ވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

މީގެ ކުރިންވެސް ތަކުރާ ރުކޮށް މިފަދަ މައްސަލަތަކުގައި ހައްޔަ ރުކޮށްފައި ވާ ޒައިދާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ، އެންމެ ފަހުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ.