ބޮލީވުޑްގެ ކުރީގެ ލޯބި ޖޯޑު ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރުގެ ޖޯޑަކީ ގިނަ ބަޔަކަށް ކަމުދިޔަ ޖޯޑެކެވެ. ރަންބީރުގެ އާއިލާ އިން ވެސް ދީޕިކާ ދެކެ އެހާ ލޯބިވިއިރު މިދެތަރިންގެ ގުޅުން ނިމިގެން ދިޔައީ ވަރަށްވެސް ހިތްދަތިކޮށެވެ. ރަންބީރު، ދީޕިކާ އަށް ދޯކާ ދިނުމުގެ ސަބަބުން ދީޕިކާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ދިޔައެވެ.
ދެތަރިން އެކުގައި އުޅުނު ދުވަސްވަރު ކުޅެފައިވާ ފިލްމުތަކަކީ އޭރު ސިނަމާތަކުގައި އެންމެ ހިނގި ފިލްމުތަކެވެ. އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ދެތަަރިން އަލުން ފިލްމަކުން އެކުގައި ފެންނަން އެދޭ މީހުން މިއަދު މަދެއް ނޫނެވެ. ކަންޑާނާ ފިލްމު "އައިޝްވާރިޔާ" އިން 2006 ވަނަ އަހަރު ފިލްމު އިންޑަސްޓްރީ އަށް ވަތް ދީޕިކާގެ ވިސްނުން އޭރުވެސް ހުރީ މާއުހުގައެވެ. ބޮލީވުޑަށް ވަދެ އާންމުން ބަލައިގަންނަ ފަދަ މޮޅު އެކްޓަރަކަށް ވުމުގެ ހުވަފެން އަބަދުވެސް އޭނާ ދެކުނެވެ. ޓައިމްސް މެގަޒިން އަށް ދީޕިކާ ދިން އިންޓަވިއުއެއްގައި ބުނީ މަދު އަންނައުނު ކޮޅަކާއެކު މުމްބާއީ އަށް އައީ އޭނާ ދުށް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. ދީޕިކާ ދިއްލީ އިން މުމްބާއި އަށް އައި ދުވަހު އެކްޓަރު ޝާހްރުކް ހާން އާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި އެ ފުރުސަތުގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފިކަމަށެވެ. ވަގުތުން ޝާހް އޭނާ އަށް ފިލްމެއް ކުޅެން ދިން ކަމަށާއި އެދުވަހަކީ އޭނާގެ ހަޔާތުން ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ދުވަހެއް ކަމަށެވެ.
2007 ވަނަ އަހަރު ޝާހް އާއެކު ފިލްމު "އޯމް ޝާންތި އޯމް" ކުޅުނު ބަތަލާ ދީޕިކާ ވަނީ އެ ފިލްމުގައި ޑަބަލް ރޯލު ކުޅެ އާންމުންގެ ހިތްކަތިލާފައެވެ. އޭނާގެ އެކްޓިންގެ މޮޅުކަން ހުރިހާ ޑައިރެކްޓަރުންނަށް ފެނި ފުލުފުލުގައި އޭނާ އަށް ފިލްމުތައް ލިބެން ފެށިއެވެ. ހަމަ އެއަހަރު އެކްޓަރު ރަންބީރު ކަޕޫރު ވެސް ބޮލީވުޑަށް ޑެބިއު ވިއެވެ. "ސާވާރިޔާ" އިން ބޮލީވުޑަށް ތައާރަފްވި ރަންބީރު އާއި ދީޕިކާ އާ ދިމާވެ 2007 ވަނަ އަހަރު ވާހަކަ ދެކެވެން ފެށުނެއެވެ. އެއާއެކު ޖެހިގެން އައި އަހަރު ދެތަރިން އެކުގައި ކުޅުނު ފިލްމު "ބަޗުނާއޭ ހަސީނޯ" ގެ ސެޓުން ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ.
ލޯބީގެ ގޮތުން ދެ އަހަރު ގުޅިގެން އުޅުމަށް ފަހު ދެމީހުން ވަކިވީ 2009 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ދީޕިކާ މެދުވެރިކޮށް ބަތަލާ ކެޓްރީނާ ކައިފް ރަންބީރާ ދިމާވި ވަގުތުވެސް ރަންބީރުގެ ހިތް ކެޓްރީނާ އަށް ގޮވަން ފެށިއެވެ. އެގޮތުން 2009 ވަނަ އަހަރު ދެމީހުން އެކުގައި ކުޅުނު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އިން ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ. ނަމަވެސް އެ ދުވަސްވަރު ރަންބީރު ދީޕިކާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ސަބަބުން އެ ގުޅުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ބަތަލާ ދީޕިކާ އަށް ސިއްރުން ކެޓްރީނާ އާއި ރަންބީރު ދިމާ ކުރިއެވެ. ނަތީޖާ އަކަށްވީ ކެޓްރީނާ އާއި ރަންބީރު އެކުގައި ތިއްބާ ދީޕިކާ އަށް ފެނުމެވެ. ވަގުތުން ދީޕިކާގެ ރަންބީރު އާ ރުޅިވިއެވެ.
ދީޕިކާ އާ ރުޅިވިފަހުން ހަމަ އެއަހަރު ކެޓްރީނާ އާއި ރަންބީރުގެ ގުޅުން ފެށުނެވެ. މީޑިއާތަކުގައި ރަންބީރު ވަނީ ދީޕިކާ އަށް އޭނާ ޗީޓް ކުރިކަމަށް އެއްބަސްވެސް ވެފައެވެ. ނަމަވެސް އެއީ ނުވިސްނޭއިރު ކަމަށް ބުނެފައެވެ. އަލަތު ލޯބި އަތުން ބީވުމާއެކު ދީޕިކާ އަށް ވޭން ބަރުދާސްތެއް ނުކުރެވުނެވެ. ނަތީޖާ އަކަށްވީ ޑިޕްރެޝަންގެ ޝިކާރައަށްވެ ދީޕިކާ އެކަމަށް ފަރުވާ ކުރަން ޖެހުމެވެ.
އޭގެ ފަހުން 2013 ވަނަ އަހަރު އަނެއްކާވެސް ފޭނުންނަށް ހިތަށް އުންމީދެއް ލިބުނީ އެ އަހަރު ނެރުނު ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ"ގައި ދީޕިކާ އާއި ރަންބީރު ހަރަކާތްތެރި ވުމުންނެވެ. ދީޕިކާ ބުނީ އެ ފިލްމު ކުޅުނު އިރުވެސް އޭނާ އަށް ރަންބީރު މަތިން ހަނދާން ނައްތާނުލެވޭ ކަމަށާއި ނަމަވެސް ވަޒީފާގެ ސަަބަބުން އެ ފިލްމު ކުޅެން އެއްބަސްވީ ކަމަށެވެ. ދެތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ބަލައިލަން ފެންބޮވައިގެންފައިވާ ފޭނުންނަށް މި ފިލްމުން "ކްލޯޝާ" ލިބުން ކަހަލައެވެ. އެ ފިލްމު ވެގެން ދިޔައީ އެއަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމަށްވެސް މެއެވެ.
އޭގެފަހުން ކެޓްރީނާ އާއި ރަންބީރު އެކުގައި އުޅުމަށް ފަހު 2016 ވަނަ އަހަރު ދެމީހުން ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް އެރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެފަހުން ރަންބީރު ޖަހައިގަތީ ކެޓްރީނާގެ އެންމެ ގާތް އެކުވެރިޔާ އާލިއާ ބަޓްއެވެ. މިއަދު ބަތަލާ އާލިއާ އާ ކައިވެނިކޮށްގެން އުޅޭ ރަންބީރަށް ވަނީ ކައިވެނީގެ ވަރަށް ކުރީކޮޅު ދަރިއަކުވެސް ލިބިފައެވެ. 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ދެމީހުން ކައިވެނި ކުރިއިރު މިދިޔަ ނޮވެމްބަރު މަހު ވަނީ އަންހެން ދަރިއަކު ލިބިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ކަޕޫރު އާއިލާގެ ދަރިއަކު އެހާ ސިއްރިއްޔާތުގައި ގޭގެ ބެލްކަނީގައި ކައިވެނި ކުރީ އާލިއާ އޭރު ބަނޑުބޮޑުވުމުންނެވެ.
ދީޕިކާ ޕަޑުކޯން، ރަންބީރު މަތިން ހަނދާން ނައްތައިނުލެވިގެން އުޅެނިކޮށް އޭނާގެ ހަޔާތަށް އެކްޓަރު ރަންވީރު ސިންހް އައެވެ. ސަންޖޭ ލީލާ ބަންސާލީ ގެ "ރާމް ލީ ލާ" ގެ ސެޓުން 2012 ވަނަ އަހަރު ދިމާވެ ދެމީހުން ވާހަކަ ދައްކަން ފެށިއެވެ. އެއަހަރު ދެތަރިން ވާހަކަ ދައްކަން ފަށައި ލޯބީގެ ގޮތުން ގުޅުނުއިރު ދެތަރިން ކައިވެނި ކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. ހިތްހަމަޖެހިފައި ހުރި ދީޕިކާ އަކީ މިއަދު އެންމެ އުފަލުން ދިރިއުޅޭ ބަތަލާއެކެވެ.
އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ޝާހް އާއެކު ފިލްމު "ޕަތާން" އިންނެވެ. އެ ފިލްމަށް ބޮޑު އާމްދަނީ އެއް ލިބިގެން ދިޔައިރު ރަންބީރު އެންމެ ފަހުން ފެނިގެން ދިޔައީ ބަތަލާ ޝްރައްދާ ކަޕޫރާއެކުގައެވެ. އެ ފިލްމަށްވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ. ދީޕިކާ އާއި ރަންބީރު އެކުގައި ތިން ފިލްމު ކުޅުނުއިރު ދެތަރިން އެކުގައި ސްކްރީނުން އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ތަމާޝާ" ވެފައި ވަނީ ބޮޑު ފްލޮޕަކަށެވެ.
ދީޕިކާ އާއި ރަންބީރުގެ ލޯބީގެ ވާހަކަ އަކީ އޭރު މީޑިއާތަކުގައި ފަލަ ސުރުހީ ގައި ދެކެވެމުން އައި ވާހަކައެކެވެ. މިއީ ބޮލީވުޑްގެ ކުރީގެ ލޯބި ޖޯޑުތަކުގެ ތެރެއިން ދީޕިކާ އާއި ރަންބީރުގެ ލޯބީގެ ވާހަކައެވެ. ތިނެސްކަން ލޯބީގެ ވާހަކައެކެވެ.
ރަންބީރު މިއީ ވަރަށް ކަޑަ މީހެއް. ރަނގަޅު އެއްގޮތް ވެސް އޭނަ އަށް ނޯންނާނެ