މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވާފައި އޮތް ޑައިރެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ"ގެ ދެވަނަ ބައި އަންނާނެ ކަން އިއުލާންކޮށް ފިލްމުގެ ޓީޒާ އެއް އާންމު ކޮށްފިއެވެ.

މި ފިލްމުގެ ދެވަނަ ބައެއް އަންނާނެކަން އިއުލާން ކުރީ އިންޑިއާގެ މަޝްހޫރު އެކްޓަރު އަފްތާބް ޝިވްދަސަނީ މި ފިލްމު ބަލަން އައި ރެއެވެ. ފިލްމުގެ ދެވަނަ ބަޔާ ގުޅޭގޮތުން ސީޒަން ބުނީ ފިލްމުގެ ދެވަނަ ބައި ފުރަތަމަ ބަޔަށްވުރެ ބެލުންތެރިންނަށް ކަމުދާނެހެން ގެނެސްދޭނެ ކަމަށާއި އަދި ފުރަތަމަ ބަޔަށްވުރެ ދެވަނަ ބައި މާ ޝައުގުވެރިވާނެ ކަމަށެވެ.

އެކްޓަރު އަފްތާބް ރާއްޖެ އައީ ސީޒަންގެ ދައުވަތަކަށް ފިލްމު "ލޯބިވެވިއްޖެ" ބެލުމަށެވެ. މި ފިލްމު ބެލުމަށްފަހު އަފްތާބް ފިލްމާ ދޭތެރޭ ބުނީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމުގައި ތަރިން ދައްކުވައިދިން އެކްޓިން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަށެވެ. އެކްޓަރު ސީޒަންގެ މި ފިލްމުގެ ދެވަނަ ބައި ރަސްމީކޮށް އިއުލާން ކުރި ނަމަވެސް މި ފިލްމު ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ތިން ވަނަ ފިލްމެވެ. 2020 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓިން ފެށި މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫގެ އިތުރުން މާލެ، ކޮލަމްބޯ އަދި ނުއަރަލިޔާ ގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހިމެނެއެވެ.