ރ. މަޑުއްވަރީގެ ގެއެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި ހަދިސާއެއްގައި ފިހުނު އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފިއެވެ.

މަޑުއްވަރީގައި ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ފިހުނީ، އެ ރަށު ހޮސްފިޓަލުގައި މަސައްކަތްކުރާ އުމުރުން 36 އަހަރުގެ ނަރުހެކެވެ.

މި ހާދިސާ ހިނގުމާއެކު ފުރަތަމަ އޭނާ ފަރުވާއަށް ގެންދިޔައީ މަޑުއްވަރީ ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށް ރޭ ދަންވަރު 1:30 ހާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ 40 އިންސައްތައާ 45 އިންސަތަ ފިހިފައިވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު، ހާލަތު ރަގަޅުނުވާތީ ހެނދުނު އައިސީޔޫއަށް ބަދަލުކޮށްފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގުމަށް މެދުވެެރިވި ސީދާ ސަބަބު އަދި އެނގިފައިނުވާއިރު އެމީހާ ދިރިއުޅެމުންދިޔަ ގެވަނީ އެއްކޮށް އަނދާފައެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.