ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ގައި ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަރުވާ ކަމަށާއި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި އެ ޖަލްސާ އޮންލައިންކޮށް މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރެޖިސްޓާވުމަށް މިހާރު ހުޅުވާލައިފާވާއިރު އެކަމަށް އެދޭ ފޯމް މި މަހުގެ 24 ކުރިން އެސްޓީއޯއަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުރިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓާ ބޯޑުން މިހާރު ވަނީ ނިންމާފައެވެ.

އެ ޖަލްސާގައި މިދިޔަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާ އާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ އާއި މި އަހަރަށް އައްޔަން ކުރާ އޮޑިޓަރުން ހޮވުމާއި އަންނަ އަހަރަށް ޑިރެކްޓަރުން އައްޔަނު ކުރުން ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.