އއ. އުކުޅަސް އަށް ރާ ވިއްކާކަމަށް ތުހުމަތުކޮށްފައިވާ ސަފާރީ އެ ރަށު ފަޅު ތެރެއިން ނެރެފިއެވެ.

އުކުޅަހުން ވާހަކަ ދެއްކި މީހަކު "ދަ ޕްރެސް"އަށް ބުނީ މިހާރު ސަފާރީ އެ ރަށުގެ ފަޅުން ނެރެފައިވާ ކަމަށެވެ. ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން އެ ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކޮށް އެ ރަށުގެ ރައްޔިތުން ވަނީ އިހްތިޖާޖު ކޮށްފައެވެ.

މިހާރު އުކުޅަހު ފަޅުން އެ ސަފާރީ ނެރެފައިވާއިރު ރޭ 10:00ގެ ކުރިން ސަފާރީ އުކުޅަހު ފަޅުން ނެރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އުކުޅަހު ކޯޓުން ނެރުނު އަމުރުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ސަފާރީ ފަޅުން ނެރުމަށް އަމުރު ކޮށްފައިވީ ނަމަވެސް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި ނަމަ ސަފާރީ ނެރުން ފަސް ކުރެވިދާނެ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގަމުން އަންނަ އުކުޅަހުގައި ރާ ވިއްކާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މީގެ ކުރިން މި މައްސަލަ ވަނީ އެ ރަށު ކައުންސިލަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ކައުންސިލުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާ ކުރިމަތީ ބޮއްކުރާއެއް ބަހައްޓާފައިވާއިރު މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް އެސްއޯ ފުލުހުންވަނީ އެ ރަށަށް ގޮސްފައެވެ. ރަށުގެ ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކުރި އިރު ސަފާރީން ބަނގުރާ ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ރަށު ރައްޔިތުންވަނީ މައްސަލަ ހޫނުވެ ފުލުހުން ސަފާރީ ބަލާކަން އެގުމުން ރާ ފޮރުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ.