ކުވައިތު ފަންޑުގެ އެހީގައި އަތޮޅުތެރޭގެ 7 ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ 7 ހޮސްޕިޓަލް އެޅުމަށް އިންޑިއާ އަދި ރާއްޖޭގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ 7 ހޮސްޕިޓާ އެޅުމަށް ކުވައިތު ފަންޑުން 686 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ތަކަކީ ވެސް 30 އެނދުގެ ހޮސްޕިޓަލް ތަކެކެވެ.

ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް އަދި ކަނޑައެޅިފައިވާ ފައިސާގެ އަދަދު:

  • ހދ. ހަނިމާދޫ ހޮސްޕިޓަލް - 90,512,216.05 ރުފިޔާ
  • ށ. މިލަންދޫ ހޮސްޕިޓަލް - 95,627,718.15 ރުފިޔާ
  • ނ. ވެލިދޫ ހޮސްޕިޓަލް - 95,627,718.15 ރުފިޔާ
  • ކ. ތުލުސްދޫ ހޮސްޕިޓަލް - 91,767,709.06 ރުފިޔާ
  • އދ. މާމިގިލި ހޮސްޕިޓަލް - 101,227,176.03 ރުފިޔާ
  • ވ. ފެލިދޫ ހޮސްޕިޓަލް - 102,049,555.63 ރުފިޔާ
  • ތ. ވިލުފުށި ހޮސްޕިޓަލް - 109,277,431.15 ރުފިޔާ

ހަނިމާދޫ، މާމިގިލީ، ފެލިދޫ އަދި ވިލުފުށީގައި ހޮސްޕިޓަލު އެޅުމަށް ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާއިރު މިލަންދޫ، ވެލިދޫ އަދި ތުލުސްދޫގެ ހޮސްޕިޓަލްތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުނި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ހެލްތް މިނިސްޓްރީ އިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އަޅާ ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލް އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން ހަދާ ހޮސްޕިޓަލް ތަކެއް ކަމުގައެވެ. އަދި ހޮސްޕިޓަލުގައި ބޭނުން ކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

މީގެއިތުރަށް ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އެޅާނެ ކަމަށާއި ކައިރި ރަށްރަށަށް ބޭނުންވާ އޮކްސިޖަން ފުޅި ސަޕްލައި ކުރުމަށްޓަކައި އެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ޕްލާންޓެއް ވެސް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.