ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެއް ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ހާމަ ކުރި ގޮތުގައި މިއީ ސާޖަރީއާއި އެޑްވާންސް ވޫންޑް ކެއާ އައުޓްރީޗް ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ކުރި އޮޕަރޭޝަނެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 10 އިން 12 އަށެވެ.

އަދި މިއީ އެ ހޮސްޕިޓަލުގައި އެފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މި އޮޕަރޭޝަން ކުރުމުގެ ކުރިން އައިޖީއެމްއެޗް ޓީމުގެ ފަރާތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމާ އެކު މުހިންމު ބްރީފިން ސެޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ސާޖަރީ ޑިޕާޓްމަންޓްގެ ހެޑް އޮފް ޖެނެރަލް އަދި ތަޖުރިބާކާރު ލެޕްރޮސްކޯޕިކް ސާޖަން ޑރ. އަބްދުﷲ އުބައިދު އިސްކޮށް ހުންނަވާ ކުރިއަށް ގެންދާ ސާޖަރީ އައުޓްރީޗް ޕްރޮގްރާމްގައި، އައިޖީއެމްއެޗް ގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ސާޖަރީ ޑިޕާޓްމެންޓް ޑރ. މުހައްމަދު ވަހީދު ގެ އިތުރުން އައިޖީއެމްއެޗު އަދި ކޭއާރުއެޗު ގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ.

20.22 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ އާ އަދި މުހިންމު ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން ވަނީ ދާދި ފަހުން ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ކީމޯ ތެރަޕީގެ ހިދުމަތް ދޭން ފަށާފައެވެ.

ޓާޝަރީ ފެންވަރަކަށް އިމާރާތް ކޮށްފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ 150 އެނދުގެ ސްޕާ ސްޕެޝަލްޓީ ހިދުމަތްތައް ގާއިމު ކޮށްފައިވާ ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.