މާލޭގެ މަގުމަތީގެ ކަންކަން ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓް" ރޭ ތައާރަފް ކޮށް، އެ ޔުނިޓުގެ މަސައްކަތްތައް ރޭ އިފްތިތާހް ކޮށްފިއެވެ.

ސިޓީ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގައި:

  • 78 މުވައްޒަފުން ތިބޭނެ
  • މަސައްކަތްކުރާނީ އަށް ޒޯނަކަށް ބަހާލައިގެން
  • މުވައްޒަފުންގެ ތެރޭގައި 18 އަންހެނުންނާއި 60 ފިރިހެނުން
  • މި ޔުނިޓުގެ އޮޕަރޭޝަންސް ޑިރެކްޓަރަކީ ކުރީގެ ޑީސީޕީ އަހްމަދު ސައުދީ

ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓް، ނުވަތަ މަގުފާރަވެރިންގެ މަސައްކަތްތައް އިފްތިތާހުކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަގުފާރަވެރިންގެ އަމާޒަކަށް ވާން ވާނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދީ މަގު ދައްކައިދިނުން ކަމަށެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓްގެ މަސައްކަތްތައް އިފްތިތާހުކޮށްދެއްވައި މުއިއްޒު ވާހަކަ ދައްކަވަނީ / ފޮޓޯ: މާލެ ސިޓީ ކައުންސިލް
"އެ ވަޒީފާ އަކީ ޒިންމާއެކޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށް ވަރުގަދަ، ވަރަށް އަމާނާތްތެރިކަމާ އެކީގަ އަދާކުރަންވީ ޒިންމާ އެއް، އެ ޒިންމާ އަދާކުރީމަ އަމިއްލަ ނަފްސަށް އެ ލިބޭ އުފާވެރިކަމާއި، އެ ޒިންމާ އަދާ އެ ކޮށްދެވޭ ފަރާތަށް ދިވެހި ރައްޔިތުންނަށް، މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް އެ ލިބޭ ހިތްހަމަޖެހުމަކީ އެއީ އަޅުގަނޑުމެން ހޯދަދޭ އެއްޗަކީ، ހޯދަން އަމާޒުކުރަންވީ ކަމަކީ،"
ޑރ. މުހައްމަދު މުއިއްޒު | މާލޭގެ މޭޔަރު

މަގުފާރަވެރިންގެ ކިބައިން މުއިއްޒު އެދިވަޑައިގަތީ ހިނިތުންވުމާއި އޯގާތެރިކަމާ އެކީގައި ރައްޔިތުންނާ މުއާމަލާތުކޮށް، މާލޭގެ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުންނަށް މަގު ދައްކައިދިނުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަގުފާރަވެރިންގެ ޔުނިޓެއް ކައުންސިލުން އުފެއްދީ ކަންކަން ކުށްވެރިކުރުމުގެ ބަދަލުގައި، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މިއީ ވަރަށް ބޮޑު ޒިންމާ އެއް ކަމަށް ވިދާޅުވެ، މި ޔުނިޓުން ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމަންޓް އުނިޓާ ހަވާލުވެ ހުންނެވި، ކުރީގެ ޑީސީޕީ ސައުދީ ވިދާޅުވީ ސިޓީ ކައުންސިލުން އަލަށް ފެށި މި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ އަލަށް ފަށާ މަސައްކަތަކަށް ވުމުން، ހައްލުކުރަން ޖެހޭ ކަންކަމާއި ރަނގަޅުކުރަން ޖެހޭ ކަންކަން ބައިވަރު ހުންނާނެއެވެ. ނަމަވެސް އެ ކަންކަމާ ކުރިމަތިލައްވައި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަމަށް ސައުދީ ވިދާޅުވިއެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓްގެ ބައެއް މަސައްކަތްތަކާއި ޒިންމާތައް:

  • އާންމުންނަށް އުނދަގޫވާ ކަންކަން ބަލައި އެ ކަންކަން އިސްލާހުކުރުން
  • މަގުމަތީގައި ކުނި ބަހައްޓައިތޯ ބެލުން
  • ގަވައިދާ ހިލާފަށް މުދަލާއި އެހެނިހެން ތަކެތި މަގުތަކުގައި ބަހައްޓައިތޯ ބެލުން
  • ޓްރެފިކް މައްސަލަ ހައްލުކުރުން
  • އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން

މި މަސައްކަތުގެ އިތުރުން، ސިޓީ ކައުންސިލުން ދަނީ މާލޭގެ އާންމު ތަންތަނާއި މަގުމަތީގައި ހުންނަ ކުނިތައް ކަހައި ސާފުކުރުމުގެ ހިދުމަތް ދެމުންނެވެ.