އިންޑިއާގެ ޗަންދިޝްގަރްގައި ދެ އާއިލާއެއްގެ ދެމެދުގައި ހިނގި އަރާރުމެއްގެ ތެރެއިން އަވައްޓެރިން އެސިޑް ޖެހީ މިހާރު އުމުުރުން 15، އޭރު އުމުރުން އެންމެ 3 އަހަރުގެ ކަފީގެ މޫނަށެވެ.
އެއާއެކު އޭނާއަށް އަވަސް ފަރުވާ ދީ އިތުރު ފަރުވާ އަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 6 އަހަރު ވާންދެން ފަރުވާ ދޭން ޖެހުނެވެ.
މޫނަށް އެސިޑް ޖެހުމުން ކަފީގެ ފެނުން ގެއްލިގެން ދިޔުމާއެކު އޭނާގެ މަންމަ އާއި ބައްޕަ އަށް ލިބުނު ހިތާމައިގައި ގޮތް ހުސްވެ މާޔޫސްވިއެވެ. ކަފީއާ މެދު ކުރަމުން ދިޔަ އުމްމީދު ވެއްޔާ މޮޑެވިގެން ދިޔައެވެ. ނަމަވެސް އެކުވެރިންގެ ނަސޭހަތާއި ހިއްވަރުން ކަފީގެ މައިންބަފައިން ހިއްވަރު ލިބިގަނެ ކަފީއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތް ފެށިއެވެ.
ލޯފަން ކުދިން ކިޔަވާ ދަސްކުރަން ގެންގުޅޭ ބްރައިލް (ލޯފަން ކުދިންނަށް ހާއްސަ އަކުރު) އަކުރުން ކަފީ ކިޔަވަން ފެށިއެވެ. އިވުމުގެ ހިއްސު ބަރާބަރަށް ހުރުމާއެކު ޔޫޓިއުބާއި އިންޓަނެޓުގެ އެހީއާވެސް އެކު އޭނާ އުނގެނި ދަސްކުރަމުން ދިޔައެވެ. ގްރޭޑަކަށް ފަހު ގްރޭޑެއް ކަޑައްތު ކުރަމުން ގޮސް މިއަދު ގްރޭޑް 10 ނިންމީ 95.02 ޕަސެންޓާއެކު މުޅި ސްކޫލުން 1 ވަނަ ހޯދައިގެންނެވެ.
ކަފީގެ މި ފަހުރުވެރި ކާމިޔާބީ އާއިލާއާއި ސްކޫލުން ފާހަގަ ކުރަމުން ގެންދާ އިރު އޭނާގެ އެދުރުން ބުނެފައި ވަނީ ކަފީ އަކީ ތޫނުފިލި ބަރައިލް އަކުރުން ހުންނަ ލިޔެކިޔުންތައް ފަރިތަކަމާއެކު ކިޔާލައި މޮޅު ދަރިވަރެއް ކަމަށެވެ.
ފުލުހުންގެ އައިއޭއެސް އޮފިސަރަކަށް ވުުމުގެ ހުވަފެން ދެކެމުން އަންނަ ކަފީ، އޭނާގެ ކުޑައިރުގެ ހަނދާންތައް މިހާރު އާކުރާކަށް ބޭނުމެއް ނުވެއެވެ. އޭނާއަށް އެ ހާދިސާ ދިމާވި އިރު އާއިލާގެ ފަގީރު ކަމާއި ބައްޕަ އަދާކުރަމުން ދިޔަ ވަޒީފާއިން ލިބޭ މަދު ފައިސާކޮޅުން ދެކޮޅު ޖައްސަމުން ދިޔަ ހިތްދަތި ވާހަކަތައް ކިޔާކަށް ބޭނުމެއް ނުވެއެވެ.
ކަފީގެ ބައްޕަ އަކީ، އޮފީހެއްގެ ޕިއޯނަކަށް އުޅުނު މީހެކެވެ. މަންމަ އަކީ ގޭގައި އިންނަ މީހެކެވެ.
ކަފީ، މުޅި ސްކޫލުން 1 ވަނަ ހޯދައިގެން ނިންމާލުމާއެކު ކަފީގެ ބައްޕަ ބުނީ، ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށާއި ކަފީ ކުރިއަށް ދާން ބޭނުންވާ ކޮންމެ ރޮނގަކުން ކުރިއަށް ދިޔުމަށް މައިންބަފައިން ރެއާއި ދުވާލު މަސައްކަޔް ކުރާނެ ކަމަށެވެ. ކަފީގެ މަންމަ ބުނީ، އުފަލަކީ ކަފީގެ އުފާ ކަމަށާއި މިހާރު މުޖުތަމައުގައި އިސްއުފުލާލައިގެން ހިނގަން ފަހުރުވެރިވާ ކަމަށެވެ.