އިންޑިއާގެ ކަރުނާޓަކާގެ ގާނޫނު ހަދާ މަޖިލީހުގެ 224 ގޮނޑީގެ ތެރެއިން 137 ގޮނޑި ކާމިޔާބު ކޮށް ކޮންގްރެސް ޕާޓީން ބީޖޭޕީގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

މިއަދު ސާފުވެގެން ދިޔަ ނަތީޖާއިން ދައްކާ ގޮތުން ކޮންގްރެސް ޕާޓީއަށް ލިބުނު 137 ގޮނޑީގެ ތެރޭގައި މި ދައުރުގައި މުޅިން އަލަށް ކަށަވަރުވި 57 ގޮނޑި ހިމެނެއެވެ. ބީޖޭޕީއަށް ލިބިފައި ވަނީ 65 ގޮނޑިއެވެ. އެއީ މިދިޔަ ދައުރަށާ ވުރެ 39 ގޮނޑި މަދު އަދަދެކެވެ. ޖޭޑީއެސް އަށް 19 ގޮނޑި ލިބުނު އިރު އެ ޕާޓީއަށް ވެސް ވަނީ ކުރީ ދައުރާ އަޅާބަލާ އިރު 18 ގޮނޑި ގެއްލިފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކަށް 3 ގޮނޑި ލިބިފައި ވެއެވެ.

އިންޑިއާގެ ކަރްނާޓަކާގެ އިންތިހާބަކީ، އަންނަ އަހަރު އިންޑީއާގައި އޮންނަ އާންމު އިންތިހާބަށް ވަރަށް މުހިންމު އިންތިހާބަކަށް ވާ އިރު އިދިކޮޅު ކޮންގްރެސް ޕާޓީން މި ހޯދި ކާމިޔާބާއެކު އެ ސްޓޭޓް ސަރުކާރަށް ގެއްލޭނެ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. އެއީ އިންޑިއާގެ އުތުރާއި މެދުތެރެ އަދި ދެކުނުގެ މެޖޯރިޓީ ބީޖޭޕީއަށް އޮތް ނަމަވެސް ކެރަލާ، ޓެމިލްނާޑު، އަންދްރަ ޕްރަދޭޝް އަދި ތެލަންގަނާ ފަދަ ސްޓޭޓްތަކުގެ މެޖޯރިޓީ ކޮންގްރެސް އަށް އޮރުމާއެކު މި ސްޓޭޓް ލިބިފައި ވުމެވެ.

އާބާދީގައި 67 މިލިއަން މީހުން ދިރިއުޅޭ ކަރުނާޓަކާ އަކީ، އާންމު އިންތިހާބުގައި ނަތީޖާ ބަދަލު ކުރުމުގައި މުހިންމު ސްޓޭޓެކެވެ. އައިޓީއަަށް މަޝްހޫރު ބެންގަލޫރު ވެރިރަށުގެ ގޮތުގައި އޮންނަ ކަރުނާޓަކާގެ ގިނަ ސިޓީތަކަކީ ކިޔަވައިގެން ތިބި ޒުވާނުން ގިނަ ސިޓީތަކެކެވެ.

2018 ގައި އޮތް އިންތިހާބުގައި މި ސްޓޭޓުން ބީޖޭޕީ ވަނީ 104 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެފަހަރު ކޮންގްރެސް އަށް ލިބިފައި ވަނީ 78 ގޮނޑިއެވެ.

ބީޖެޕީއަށް ކަރްނާޓަނާ ގެއްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ބީޖޭޕީ ސަރުކާރުގައި ހިމެނޭ ކަރްނާޓަކާގެ މިނިސްޓަރުންނާ ގުޅިފައި ހުރި ކޮރަޕްޝަންތައް ފެންމަތި ކުރުމާއި ކޮންގްރެސް ޕާޓީން މުޅި އިންޑިއާގައި ފައިމަގުގައި ކުރި "ޖޯޅޯ ޔަތްރާ" ކެމްޕެއިންނާއި ކަރްނާޓަކާގެ މުސްލިމުންގެ މެޖޯރިޓީ ކޮންގްރެސް އަށް ލިބުމެވެ. މުސްލިމުންގެ ތާއީދު ބީޖެޕީއަށް ގެއްލިގެން ދިޔަ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރު މުސްލިމް ސްކޫލަކަށް ބުރުގާ އަޅައިގެން ދަރިވަރުން ދިޔުން މަނާ ކުރުމުން ހިނގި ހަމނުޖެހުން ހިމެނެއެވެ. މީގެ އިތުރުން ރަށްފުށު ހިސާބުތަކުގެ މެޖޯރިޓީވެސް ލިބުނީ ކޮންގްރެސް އަށެވެ.

ކަރްނާޓަކާ އަކީ 84 ޕަސެންޓް ހިންދޫން އަދި 13 ޕަސެންޓް މުސްލިމުން ދިރިއުޅޭ ސްޓޭޓެކެވެ. ކޮންގްރެސްގެ ކާމިޔާބީ ސަޕޯޓަރުން ފާހަގަ ކުރަމުން ގެންދާ އިރު ކޯސްޓަލް އޭރިއާ (ގޮނޑުދޮށް ލިބިފައިވާ ސަރަހައްދުތައް) ތަކުގެ މެޖޯރިޓީ ލިބިފައި ވަނީ ބީޖޭޕީއަށެވެ.