ކުރިއަށް އޮތް ހަފްތާ ތެރޭގައި 7 އަތޮޅެއްގެ 7 ރަށެއްގައި ހޮސްޕިޓަލް އަޅަން ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

7 ހޮސްޕިޓަލްގެ ބިޑިން މަރުހަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތެރޭގައި އެ މަސައްކަތްތައް ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު މިއިން ކޮންމެ ހޮސްޕިޓަލްއެއް ވެސް ގާއިމް ކުރެވޭނީ 30 އެނދުގެ ޖާގައާއެކު އިތުރު ހިދުމަތްތައް ލިބޭނެ ގޮތަށެވެ.

ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ 7 ރަށް:

  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ކ. ތުލުސްދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • ތ. ވިލުފުށި

ސިއްހީ ދާއިރާ އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ގާއިމުކޮށް ހިދުމަތްތައް ދޭން ފަށާފައިވާއިރު އޭގެތެރޭގައި ސީޓީ ސްކޭން، އެމްއާރްއައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ހިދުމަތްތަކާއި ދަތުގެ ފަރުވާގެ ހިދުމަތްތައް ދެމުން ގެންދާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެސް ޑިޖިޓަލް އެކްސްރޭ ގާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. ރާއްޖޭގައި މިވަގުތު އެންމެ ބޮޑަށް އިތުރުވަމުން އަންނަ ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދުމަށް ނަފްސާނީ ފަރުވާ ދޭ މަރުކަޒެއް އައިޖީއެމްއެޗްގައި ގާއިމުކުރުމުގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ސައިކޭޓްރިކް ހިދުމަތް މިހާރު ގާއިމުކުރެވިފައިވާ ކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާއަށް ހާއްސަ އިސްކަމެއްދީގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށާއި މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައިކަމަށްވާއިރު އެކަން ދިރާސާ ކުރަން ޖެހޭ ކަމުގައެވެ. އެހެންކަމުން އެކަން ދިރާސާ ކުރުމަށް ހެލްތް މިނިސްޓްރީ އަދި ޑަބްލިޔުއެޗްއޯ ގުޅިގެން ފ އަތޮޅުގައި މުހިންމު މަޝްރޫއެއް ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކުގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ފުޅާކުރުމާއި މި ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ވިދާލުވެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިއްހީ ހިދުމަތް ކުރިއަށްވުރެ ބޮޑަށް ފުޅާވަމުން އަންނައިރު މިކަމުގެ ސަބަބުން މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ސިއްހީ އެތައް ހިދުމަތެއް އަތޮޅުތަކުން ލިބެން ހުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއާއެކު ދިވެހި ޒުވާނުންނަށް ރަށުން ރަނގަޅު މުސާރައެއް ލިބޭ ވަޒީފާތަށް ލިބޭނެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.