ލެބޯޓްރީ ގާއިމް ކުރެވިފައިވާ 112 ސިއްހީ މަރުކަޒަށް، ލޭ އެޅުމަށް ބޭނުންވާ ތަކެތި ހެލްތް މިނިސްޓްރީ އިން ހަވާލު ކޮށްފިއެވެ.

19 މިލިއަން ރުފިޔާ ހަރަދުކޮށް، ހެލްތް މިނިސްޓްރީ އިން ލޭ އެޅުމަށް ބޭނުންވާ ތަކެތި ސިއްހީ މަރުކަޒުތަކަށް ހަވާލުކުރުމަށް ނިންމާފައި ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

މިއަދު ބޭއްވި ހަފްލާގައި ލޭ އެޅުމަށް ބޭނުންވާ ތަކެތި ފުރަތަމަ ހަވާލުކޮށްފައި ވަނީ ކ. އަތޮޅުގެ ލެބޯޓްރީ ގާއިމް ކުރެވިފައިވާ ސިއްހީ މަރުކަޒުތަކަށް ކަމަށްވާއިރު ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މި ތަކެތި ދެންހުރި މަރުކަޒުތަކަށް ހަވާލު ކުރެވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެއެވެ. ކ. އަތޮޅުގެ މަރުކަޒުތަކަށް އެ ތަކެތި ހަވާލު ކޮށްދެއްވީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމްއެވެ.

ހެލްތް މިނިސްތްރީއިން ސިއްހީ މަރުކަޒަށް ހަވާލުކޮށްފައިވާ ތަކެތި:

  • ބްލަޑް ކަލެކްޝަން މޮނިޓާ
  • ޕްލާސްމާ އެކްސްޓްރެކްޓާ
  • ބްލަޑް ބޭންކް ޓިއުބް ސްޓްރިޕާ
  • ބްލަޑް ބޭންކް ޓިއުބް ސީލާ
  • ބްލަޑް ބޭންކް ވެއިން ސްކޭލް

ހެލްތް މިނިސްޓްރީއިން ބުނީ ލޭ އެޅުމަށް ބޭނުންވާ އާލާތްތައް މި ރަށްރަށަށް ލިބުމުން ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމުގައި ފަސޭހަ ތަކެއްވެ، ރައްޔިތުން ލޭ އެޅުމަށް ހޭދަ ކުރަންޖެހޭ ވަގުތާއި ހަރަދު ސަލާމަތް ވެގެން ދާނެ ކަމަށާއި އަދި ރަށްރަށުގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ފަސޭހައިން ލޭއެޅުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީއިން އިތުރަށް ވިދާޅުވީ ލޭ އެޅުމަށް ބޭނުންވާ ތަކެތި ހޯދާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އިން ފަންޑްކޮށްގެން ހެލްތް މިނިސްޓްރީއިން ކުރިއަށްގެންދާ އެމަޖެންސީ ރެސްޕޮންސް ޓު ކޮވިޑް19 ޕެންޑަމިކް ފޭސް 2 ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.