ޓެކްނިކަލް މައްސަލައަކާ ހުރެ، ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ދިނުން މެދުކަނޑާލައިފިއެވެ
އިމިގްރޭޝަނުން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ، ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ދިނުން މިވަގުތު މެދުކެނޑިފައިވާ ކަމަށާއި، ދިމާވެފައިވާ މައްސަލަ ހައްލުކޮށް، މިއަދު 12 އިން ފެށިގެން ހިދުމަތް ހިދުމަތް އަލުން ދެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ އިދާރާ އިން މައާފަށް އެދިފައިވެއެވެ.
އާންމު ގޮތެއްގައި ބޭރު ގައުމުތަކަށް ދާ ދިވެހިން އަބަދު ވެސް ޕާސްޕޯޓް އާކުރުމާއި، އަލަށް ޕާސްޕޯޓު ހެއްދުން ފަދަ ހިދުމަތްތައް ހޯދައެވެ. މިދިޔަ އޮގަސްޓް މަހު ޕާސްޕޯޓް ހައްދާ މިންވަރު އިތުރުވެ، އެ ސަބަބާ ހުރެ އިމިގްރޭޝަނުން ހިދުމަތްދޭ ގަޑިތައް އިތުރުކުރަން ވެސް ޖެހުނެވެ.
ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުކުރުމުގައި ލުއިތައް ދިނުމާ ގުޅިގެން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން އޭރު ބުންޏެވެ. އެގޮތުން ކުރިން ޕާސްޕޯޓަށް އެދި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 200 އެޕްލިކޭޝަން ހުށަހެޅި ނަމަވެސް އެ އަދަދު ހަތަރު ގުނަ އިތުރުވެފައި ކަމަށް އިމިގްރޭޝަނުން އޭރު ބުނެއެވެ.
މީގެ ކުރިން ޕާސްޕޯޓް އާ ކުރުމާއި ހެއްދުމަށް ފޯމް ހުށަހެޅުމުން އެ ހިދުމަތް އެއް ދުވަހުގެ ތެރޭ ފޯރުކޮށް ދެމުން އައި ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕާސްޕޯޓް ހެއްދުމަށް 3-5 ދުވަސް ނަގާފައި އެބަ ހުއްޓެވެ.