އިންޑިއާގެ ގޯއާގައި ކުރިއަށް ދާ މެދުތެރޭ އޭޝިއާ ގައުމުތަކުގެ ސަލާމަތާ ބެހޭ ކޮންފަރެންސްގެ ހަވާސާގައި އިންޑިއާއިން ޗައިނާ އަދި ރަޝިއާ އާ ބައްދަލުކޮށްފިއެވެ.
ޝެންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓް (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ޗައިނާގެ ހާރިޖީ ވަޒީރު ގިންގް ގޭންގް އަދި ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާ ބައްދަލު ކުރެއްވީ އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަން ޖައިޝަންކަރެވެ.
އެ ބައްދަލުވުމަށް ފަހު ޖައިޝަންކަރު ވިދާޅުވީ މަޝްވަރާގެ އަމާޒަކީ، ސަރަހައްދީ ހިމާ ގުޅޭ ގޮތުން ހުރި މައްސަލަތައް ހައްލު ކޮށް ހަމަޖެހުމާއި ސުލްހަ ގާއިމު ކުރުން ކަމަށެވެ.
އިންޑިއާ އާއި ޗައިނާ އަކީ ދެގައުމު ގުޅޭ އިމުގެ ލަދާކް ސަރަހައްދުގައި ކުރިމަތިލުންތައް ހިންގާތާ 3 އަހަރު ވެ. ސުލްހަވާން ބޭނުންވެފައި ތިބި ބައެކެވެ. އެސަރަހައްދު ބެލެހެއްޓުމަށްޓަކައި ދެގައުމުންވެސް އެސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބާފައި ތިބެއެވެ.
ދެގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު އިންޑިއާއިން ދެއްކި ވާހަކަތަކާ ހިލާފަށް ޗައިނާއިން ބުނީ، ސަހަރައްދީ އިމުގައި އާންމުގޮތެއްގައި ހަމަނުޖެހުން ނުހިނގާ ކަމަށާއި އަމާން ކަމަށެވެ. ނަމަވެސް އިންޑިއާއިން ޗައިނާ އަށް ތުހުމަތު ކުރަމުން ބުނީ، ދެގައުމުގެ ދެމެދުގައި ގާއިމު ކުރެވިފައިވާ ސުލްހައިގެ އެއްބަސްވުންތަކަށް އިހުތިރާމް ނުކޮށް ޗައިނާއިން އުޅެނީ ނުތަނަވަސްކަން އުފެއްދުމަށް ކަމަށެވެ.
ލަދާކް ސަރަހައްދުގައި ދެގައުމުގެ ދެމެދުގައި ހިނގާފައި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 މީހަކު މީގެ ކުރިން ވަނީ މަރުވެފައެވެ.
ރަޝިއާ އާ ގުޅޭ ގޮތުން އިންޑިއާއިން ބުނީ، ދެގައުމުގެ ދެމެދުގައި ހުރި މުއާހަދާތަކާއި ބައިނަލްއަގުވާމީ އަދި އެ 2 ގައުމާއި އިތުރު ގައުމުތައް ހިމެނޭ ގޮތުން ގާއިމު ކުރެވިފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމާމެދު މަޝްވަރާ ކުރެވިފައި ވާ ކަމަށެވެ.
މި 3 ގައުމުގެ ހާރިޖީ ވަޒީރުން އިންޑިއާގައި ބައްދަލު ކުރައްވާފައި ވާ އިރު، އެސްސީއޯ ސަމިޓަކީ އެ 3 ގައުމުވެސް ހިމެނޭހެން ޕާކިސްތާނާއި ކަަޒަކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން އަދި އުޒުބެކިސްތާން ބައިވެރިވާ ޖަމާއަތަކެވެ. މި ޖަމާއަތާ އެންމެ ފަހުން ގުޅުނު ޕާކިސްތާންގެ އިތުރުން އީރާނުންވެސް ވަރަށް އަވަހަށް މި ޖަމާއަތާ ގުޅޭނެއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ޕާކިސްތާންގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީވެސް ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް ޕާކިސްތާންގެ މިހާ އިސް އޮފިޝަލަކު އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އިންޑިއާ އާއި ޗައިނާ އާ ކޯޅުން އޮންނަ ގޮތަށް އިންޑިއާ އާއި ޕާކިސްތާނަކީ ވެސް ދެހަތުރުންނެވެ.